އީރާނު ހަނގުރާމަ ކުރިއަށްގެންދަން ސައުދީ ވަލީއަހުދު އެމެރިކާއަށް ބާރުއަޅުއްވައިފި

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅުއްވާފައިވާ ކަމަށް މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ނޫހުން އިއްޔެ ބުނެފި އެވެ.
ވަލީއަހުދު ސިފަކުރެއްވި ގޮތުގައި، މި ކުރިމަތިލުމަކީ މެދުއިރުމަތީގެ ސިޔާސީ މަޝްރަހު އަލުން ބައްޓަންކުރުމަށް ލިބިފައިވާ "ތާރީހީ ފުރުސަތެ"ކެވެ.
ވަލީއަހުދު ވަކާލާތު ކުރެއްވި ގޮތުގައި، އީރާނަކީ ދުރު މުސްތަގުބަލުގައި އޮތް ބޮޑު ނުރައްކަލެކެވެ. އަދި އެ ނުރައްކަލަށް އޮތް ހަމައެކަނި ހައްލަކީ އެ ގައުމުގެ ސަރުކާރު ބަދަލުކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މީގެ އިތުރުން، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމާއި އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަންތައް ފެށުން ހިމެނޭހެން، އަސްކަރީ ހަރަކާތްތައް ފުޅާކުރުމަށް އޭނާ ތާއީދުކުރައްވާ ކަމަށް ވެސް ނިއުޔޯކް ޓައިމްސް ނޫހުން ބުންޏެވެ.
ނަމަވެސް، ސައުދީ އޮފިޝަލުން މިކަން ދޮގުކުރައްވަ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ސައުދީން އަބަދު ވެސް ތާއީދުކުރަނީ ސުލްހަވެރި ހައްލަކަށެވެ. އަދި އެ ގައުމުގެ އަމާޒަކީ ސައުދީ ރައްޔިތުންނާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ކޮންމެ ދުވަހަކު ދެމުންދާ ހަމަލާތަކުން ދިފާއުވުން ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
މި ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ކުރިމަތިވެ، ތެލުގެ ބާޒާރަށް ލޮޅުން އަރައި މުހިންމު ވަސީލަތްތަކަށް ވަނީ ނުރައްކާވެފަ އެވެ. ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވީ، އީރާނަށް ކުރިން އޮތް ކުޑަ އިތުބާރު ވެސް މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ.
ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، ހަނގުރާމަ ދިގުލައިގެން ދިއުމަކީ ސައުދީ އަރަބިއްޔާއަށް އިތުރު ހަމަލާތައް އަމާޒުވެ، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ދަނޑިވަޅެއްގައި މިއީ ބޮޑު ނުރައްކަލެކެވެ.
ޓްރަމްޕްގެ ސިޔާސަތުތައް ހަނގުރާމަ ވަރުގަދަކުރުމާއި މަޑުޖައްސާލުމާ ދެމެދު ބަދަލުވަމުންދާއިރު، ސަރަހައްދީ ލީޑަރުން ކަންބޮޑުވަނީ އެމެރިކާގެ ފައުޖުތައް އެއްކޮށް ނުބާލައި، ބައެއް ބާލައިފި ނަމަ އީރާނުގެ ނުފޫޒު އިތުރަށް ގަދަވެގެން ހިނގައިދާނެތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ