އީރާނުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކަންކަން ތަރުތީބުކުރުމާއި އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ބައިވެރިނުވާ ނަމަ، "ދެކޮޅުވެރި ނޫން" އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އޮންނާނެ ކަމަށް އީރާނުން އދ.އަށް އަންގައިފި އެވެ.
އދ.ގެ ސަލާމަތީ މަޖިލީހަށާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނަށް ފޮނުވި ނޯޓެއްގައި އީރާނުން ބުނެފައިވަނީ، އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އުދުވާނީ އަމަލެއްގައި ބައިވެރިނުވާ ނުވަތަ އެފަދަ ކަމަކަށް އެހީތެރިނުވާ އަދި އީރާނުގެ ސަލާމަތީ ގަވާއިދުތަކަށް ބޯލަނބާ އުޅަނދުފަހަރަށް އެ ސަރަހައްދުން ދަތުރުކުރެވޭނެ ކަމަށެވެ.
ނަމަވެސް، އެމެރިކާ، އިޒްްރޭލު ނުވަތަ އެ ގައުމުތަކާ ގުޅުންހުރި ފަރާތްތަކުގެ އުޅަނދުފަހަރަކީ "ދެކޮޅުވެރި ނޫން" އުޅަނދުތަކެއް ކަމުގައި ނުބެލެވޭނެ ކަމަށާއި އެފަދަ އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ނޯންނާނެކަން އީރާނުން ވަނީ ސާފުކޮށްދީފަ އެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.
އީރާނުން އިތުރަށް ބުނެފައިވަނީ، ދުޝްމަނުން އެ ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މިއީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަން އީރާނުން ވަކި އުސޫލުތަކެއްގެ ދަށުން ކޮންޓްރޯލް ކުރަމުންދާނެ ކަމުގެ އިޝާރާތެކެވެ.
'ދެކޮޅުވެރި ނޫން' ހުރިހާ އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅިން ދެވޭނެ: އީރާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ