ކުމުންދޫ ޓީޗަރުން ބޭނުން ވަނީ ވަޒީފާ ދޫކޮށްލަން، ނުވަތަ އެހެން ރަށަކަށް ބަދަލުވާން: ސްކޫލް
ހދ. ކުމުންދޫ ސްކޫލުގެ ބިދޭސީ ޓީޗަރުން ވަޒީފާ އިން ވަކިކޮށްދިނުމަށް ނުވަތަ އެހެން ރަށަކަށް ބަދަލުކޮށްދޭން އެދިފައިވާ ކަމަށް ސްކޫލުން މިއަދު ބުނެފި އެވެ. އެ ސްކޫލުގެ ފިޒިކްސް ޓީޗަރު އިންޑިއާގެ ސުބާޝް ކުމާރު ގްރޭޑް އަށެއްގެ ދަރިވަރެއްގެ ގައިގައި ޖެހި ކަމަށް އޭނާ އެއްބަސްވުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ރަށު ބަޔަކު އޭނާ އަށް އަނިޔާކުރި މައްސަލާގައި ބިދޭސީ ޓީޗަރުން އަދިވެސް ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެ ސްކޫލުގައި ކިޔަވައިދޭން ބޭނުން ނުވާ ކަމަށް ބުނެ ބިދޭސީ އަށް ޓީޗަރުން ވަނީ އެ ރަށަށް ދިޔަ އެޑިއުކޭޝަންގެ ޓީމަކަށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ. ސްކޫލުގެ ލީޑިން ޓީޗަރު މޫސާ ހަސަން މިއަދު ވިދާޅުވީ ސްކޫލުގެ އެންގުމާ އެއްގޮތަށް ހުރިހާ ޓީޗަރުން މިއަދު ކިޔަވައިދޭން ނުކުތަސް، ޓީޗަރުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ބިދޭސީ ޓީޗަރުން ގަބޫލުކުރާ ގޮތުގައި ފިޒިކްސް ޓީޗަރަށް ރަހުމް ކުޑަ ގޮތަކަށް އަނިޔާކުރީ ސްކޫލުގެ ބެލެނިވެރިން ބޭނުންވެގެންނެވެ. އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ޓީޗަރު މިއަދުގެ ވަގުތެއްގައި އިންޑިއާ އަށް ފޮނުވާލާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސްކޫލުން ބުންޏެވެ. "ބިދޭސީ ޓީޗަރުންނާއި ދިވެހި ޓީޗަރުން ވެސް ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި. އެބޭފުޅުން ވިދާޅުވަނީ ސްކޫލުގައި ކިޔަވައިދޭން އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް. އެފަދަ ހަމަލާއެއް ދެންވެސް ކުރިމަތިނުވެދާނެ ކަމުގެ ޔަގީންކަމެއް ނެތޭ،" މޫސަ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިދޭސީ ދެ ޓީޗަރަކު މިހާރު ވަނީ ވަޒީފާ އިން ވަކިކޮށްދޭން އެދި ރަސްމީކޮށް ސިޓީ ހުށަހަޅައިފަ އެވެ. އަދި ދެން ތިބި ޓީޗަރުން ވެސް ވަޒީފާގައި ތިބެން ބޭނުން ނުވާ ކަމަށް މެނޭޖްމަންޓަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ފިޒިކްސް ޓީޗަރަށް ކްލާސް ރޫމް ތެރޭގައި ގްރޫޕަކުން ތަޅައި އަނިޔާކުރި މައްސަލާގައި އެޑިއުކޭޝަންގެ ޓީމެއް ވަނީ އެ ސްކޫލްގެ ޓީޗަރުންނާއި މެނޭޖްމަންޓާ ބައްދަލުކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީގެ ދެ ކައުންސިލަރުން ވެސް ހިމެނޭ އެ ޓީމުގައި އިސްކޮށް ހިމެނިވަޑައިގެންނެވި އެ އަތޮޅު ވައިކަރަދޫ ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ކުމުންދޫ ސްކޫލުގެ ޓީޗަރުން އެދިފައި ވަނީ އެހެން ސްކޫލަކަށް އަވަހަށް ޓްރާންސްފަކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ވެސް ވަކި ޕްރޮސެސްއެއްގެ ތެރެއިން 90 ދުވަހުގެ ތެރޭގައި ހަމަޖެހޭ ކަމަކަށް ވާތީ، އެކަން ޓީޗަރުންނަށް ހަނދާންކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު ވާނީ ފާހަގަކުރެވުނު ކަންތައްތަކުގެ ރިޕޯޓެއް އެކުލަވާލާފައި އެޑިއުކޭޝަނަށް މިއަދު ހެނދުނު ފޮނުވާފައި. އޭގައި އެބަހުރި ސްކޫލުންނާއި މުޖުތަމައުން ވެސް ރަނގަޅުކުރަން ޖެހޭ ކަންކަން،" އެ ރިޕޯޓްގެ ތަފްސީލު ނުދެއްވައި ނާސިހާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރިޕޯޓުގެ މައްޗަށް ބަލައި އަޅާނެ ފިޔަވަޅެއް ނިންމާނީ އެޑިއުކޭޝަނުންނެވެ. ގާތްގަނޑަކަށް 250 އަށް ވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ ސްކޫލުގެ ބިދޭސީ ޓީޗަރުން އެއްފަހަރާ ވަޒީފާ އިން ވަކިވުމަކީ ނުވަތަ އަވަސް މުއްދަތެއްގައި އެހެން ތަނަކަށް ބަދަލުވުމަކީ ދަރިވަރުންގެ ކިޔެވުމަށް އެޅޭނެ ހުރަހެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ