ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، އެ މެމްބަރަކު ހޮވާ ދާއިރާއެއްގެ ގިނަ ބަޔަކު ބޭނުންވެއްޖެނަމަ މެމްބަރުކަމުން ވަކި ކުރެވޭނެ ގޮތް ހެދުމަށް ގައުމީ ހަރަކާތުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމާފައި ވާކަމަށް ބުނެފިއެވެ.
ޤައުމީ ހަރަކާތުން މިއަދު ނަލަހިޔާ ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، އެ ހަރަކާތުގެ އިސް ބޭފުޅެއް ކަމަށްވާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަމީމް ވިދާޅުވީ ގައުމީ ހަރަކާތައް އެއްބާރުލުން ދެއްވާ މެމްބަރުންގެ އެހީތެރިކަމާ އެކު އެ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"ރައްޔިތުންގެ ތެރެއިން ގިނަ ބޭފުޅުން ގަބޫލެއް ނުކުރައްވާ ރައްޔިތުން މަޖިލީހުގެ މަސައްކަތްތައް ދަނީ އެންމެ އެކަށީގެންވާ ގޮތައް ކަމަށް. އަދި އެ ބޭފުޅުންގެ މަސައްކަތްތައް އަމާޒު ކުރެވިފައިވަނީ ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށް އެކަނި ކަމަށް ރައްޔިތުން ނުދެކޭ. ވީމާ އަޅުގަނޑުމެން މި ހަރަކާތުގެ އެންމެ މުހިންމު ޓާގެޓަކަށް މި ހަދަނީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުންގެ ޕޯލް ބެކް ވޯޓެއް ލުމުގެ މައްސަލަ ކުރިއަށް ގެންދިއުން،" ޝަމީމް ވިދާޅުވިއެވެ.
ޤައުމީ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވީ މި ބިލް މިހާރު އޮތީ ޑްރާފްޓްކޮށް ނިމިފައި ކަމަށެވެ. ނަމަވެސް މި ބިލާ ބެހޭ އިތުރު ތަފްސީލެއް އިމްރާނު ނުދެއްވައެވެ. އަދި މި ބިލް މަޖިލީހުން ފާސް ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މެމްބަރަކު ތަމްސީލް ކުރާ ދާއިރާއެއްގެ ގިނަ ބަޔަކު އެދޭ ނަމަ އެމެމްބަރަކު މެމްބަރުކަމުން ވަކި ކުރެވޭގޮތަށް ބިލެއް ހުށަހަޅަން ތައްޔާރުވަމުންދާއިރު މަޖިލީސް މެމްބަރުން ފަހާ ދުވާނެކަމަށް ވިދާޅުވެ އިމުރާނު އިންޒާރު ދެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅާފައެވެ.
ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އެގުމާއި ގުޅިގެން ގައުމީ ހަރަކާތުގެ ފަރާތުން ބާއްވާ "އެއާޕޯޓް ފަރިއްކޮޅު" މިރޭ 21:00 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. މި ފަރިއްކޮޅުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ ޝުއޫރު ފާޅު ކުރުމަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.
ރައްޔިތުން ބޭނުންވެއްޖެނަމަ މެމްބަރުން ވަކި ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ވައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ