އިންޑިޔާގެ ފައިސާއަށް ގެނައި ކުއްލި ބަދަލާއެކު އެ ޤައުމުގެ ބައެއް ރައްޔިތުން ނުތަނަވަސްކަމެއްގައި

އަވަށްޓެރި އިންޑިޔާގެ ފައިސާގެ ލީގަލް ޓެންޑަރގެ ތެރޭގައި ހިމެނޭ 500 ރުޕީސްއާއި 1000 ރުޕީސްގެ ނޫޓުތައް ކުއްލިއަކަށް އުވާލުމަށްފަހު، މުޅިން އައު ދެ ނޫޓެއް ނެރުމުން، ކުރީގެ ނޫޓުތައް، އައު ނޫޓުތަކަށް ބަދަލުކުރުމަށް އެތައް ބަޔަކު ޖަމާވަމުންދިޔުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުން އެބަދެއެވެ.
އެގޮތުން ބޭންކުތަކާއި އޭޓީއެމްތަކުގެ ބޭރުގައި ހަދާފައިވާ ކިޔުތައް ދިގުވުމުމާއި މީހުން ފިތުމުގެ މައްސަލަކުރިމަތިވެފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެއެވެ. ހަމައެހެންމެ، ބައެއް މެޝިނުތަކުން ފައިސާ ހުސްވުމުގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންދިޔުމުގެ ސަބަބުން ބޮޑެތި ނުތަނަވަސްކަމެއް އުފެދިފައިވާކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ބައެއް ބޭންކުތަކުގައި އެތައް ބަޔަކު ގިނަ ވަގުތު ކޮޅަށްތިބެންޖެހުމުގެ ޝަކުވާ ބޮޑުވުމުން ބައެއް ބޭންކުތަކުން ކަސްޓަމަރުންނަށް އިށީންނާނޭ ގޮނޑިޔާއި ބައެއް ކާބޯތަކެތިވެސްދަނީ ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ، މިފަދަ މާލީ އިދާރާތަކުގެ ބޭރުގައި ފޯރިއަށް އިންޑިޔާގެ ޕެރަމިލިޓަރީންދަނީ ހަރަކާތްތެރިވަމުންނެވެ.
އިންޑިޔާގެ ލީގަލް ޓެންޑަރއަށް ބަދަލުގެނެސް، ކުރިން ބޭނުންކުރަމުން އައި ދެ ނޫޓެއް އުވާލުމަށްފަހު އައު ދެ ނޫޓު ތަޢާރަފްކޮށްފައިވަނީ ކަޅު ފައިސާގެ މައްސަލައާއި ފަސާދައާއި ކޮރަޕްޝަނާއި ޓެކުހަށް މަކަރު ހެދުންފަދަ ސީރިޔަސް މައްސަލަތައް ހައްލުކުރުމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިންނެވެ.
މި ބަދަލަށް އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ފާޑުކިޔަމުންދާއިރު، މިކަމުގެ ސަބަބުން އެ ޤައުމުގެ ބައެއް ރައްޔިތުން ބޮޑު ނުތަނަވަސްކަމަކާއި އޮޅުންބޮޅުން ގަނޑަކަށް ވެއްޓިފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ