އިނގިރޭސިވިލާތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އުމަރު މަޝްވަރާކުރައްވައިފި

އިނގިރޭސިވިލާތުގައި މިވަގުތު ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މަޝްވަރާކުރައްވައިފިއެވެ.
އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އިނގިރޭސިވިލާތުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ވަރަށް ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ.
އެގޮތުން ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދާއި، ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ އިތުރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއިވެސް މަޝްވަރާކުރައްވާފައިވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ޑރ ޖަމީލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި ކުރީގެ ދެ ވަޒީރުންކަމަށްވާ އަބުދުﷲ އަމީނާއި، މުހައްމަދު މަލީހު ޖަމާލުވެސް ބައިވެރިވެވަޑައިގެންފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
ވަކިވަކިން ތިން ބައްދަލްވުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ބައްދަލްވުންތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް އުމަރު ވިދާޅުވި ނަމަވެސް އެކަމުގެ ފުރިހަަމަ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. އަދި މަޝްވަރާތަކަށްފަހު އެ ބޭފުޅުން ގުޅިގެން މަސައްކަތް ކުރައްވާނެ ގޮތަކާއި، ގުޅިގެން ކުރައްވާނެ މަަސައްކަތަކާއި ގުޅޭގޮތުންވެސް އުމަރު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އުމަރު ވިދާޅުވީ ގައުމީ މަސްލަހަތުގައި ކުރައްވަންޖެހިވަޑައިގެން ކޮންމެ މަސައްކަތެއް ކުރައްވާނެކަމަށާ އެމަނިކްފާނާއި ބައްދަލްކޮށް ކަންކަމުގައި މަޝްވަރާކުރެއްވުމަށް ވަގުތުކޮޅެއް ދެއްވީތީ އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަންނަވާނެކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މިސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އުމަރު ކުއްލިގޮތަކަށް މަގާމުން އިސްތިއުފާދެއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެޕާޓީގެ އެެތެރޭގެ ޕްރައިމަރީގައި ވާދަކުުރުމަށްކަމަށް ވިދާޅުވެއެވެ. ޕްރައިމަރީގެ މައްސަލައާއި ގުޅިގެން ޕީޕީއެމް ދެބައިވެފައިވާއިރު، އުމަރު ގެންދަވަނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ