ސްވައިން ފްލޫގައި ރޭ މަރުވީ ބޮޑު އެހެން ބައްޔެއްގައި ވެސް ފަރުވާ ހޯދާ މީހެއް: އާއިލާ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ސްވައިން ފްލޫ ޖެހިގެން ރޭ މަރުވި އަންހެނަކީ ބޮޑު އެހެން ބައްޔެއްގައި ފަރުވާ ކުރަމުން އައި މީހެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
އެޗް1އެން1 ވައިރަސް އަށް ޕޮޒިޓިވް ވެގެން ރޭ މަރުވީ ފ. ނިލަންދޫ ބުރުނީގެ ފާތިމަތު އިސްމާއިލެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ 23:15 ހާއިރު ކަމަށް އާއިލާ އިން ބުންޏެވެ.
ސްވައިން ފްލޫގެ ސީރިއަސްކަން ބޮޑީ ވެސް، އެހެން ބަލިތަކުގައި ފަރުވާ ހޯދާ މީހުންނަށް އޮތް ސްވައިން ފްލޫ ޖެހުމުން އޭގެ ނުރައްކާ ބޮޑުކަމުންނެވެ.
ފާތިމަތުގެ އާއިލާގެ މީހަކު ބުނި ގޮތުގައި ފާތިމަތަކީ 2012 ގައި އައިޖީއެމްއެޗުން މުލިއްސެއް ނަގަން އޮޕަރޭޝަން ކުރި ފަހުން އެއް ފަޅި ޕެރަލައިޒްވެ، އަމިއްލައަށް ހިނގަން އުނދަގޫ މީހެއް ކަމަށެވެ. އެހެންވެ، ބޭރުގެ އެކި ގައުމުތަކަށް ފާތިމަތު ގޮސް ފަރުވާ ހޯދި ކަމަށް ވެސް އޭނާ ބުންޏެވެ.
"ރަށުގައި ދިރިއުޅެމުން ދަނިކޮށް ކުއްލިއަކަށް މިކަން ހިނގީ، ހުން ވަރަށް ގަދައަށް ޖެހިގެންނާއި ކެއްސާފައި ހޮޑުލާތީ މާލެއަށް ގެންނަން ޖެހުނީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި ފާތިމަތު އަށް އެޗް1އެން1 ޖެހުނު ކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އެންގީ ރޭގެ ވަގުތެއްގަ އެވެ. އޭގެ ކުރިން ފާތިމަތަށް ޖެހުނީ ކޮން ކަހަލަ ހުމެއްތޯ ބެލުމަށް ބައެއް ޓެސްޓްތައް ހަދަން ވެގެން އާއިލާގެ ފަރާތުން ހުއްދަ ހޯދި ކަމަށް އޭނާ ބުންޏެވެ. އަދި ކިޑްނީ މައްސަލަތަކެއް ހުރެގެން ޓެސްޓްތަކެއް ހެދި ކަމަށް ވެސް އޭނާ ބުންޏެވެ.
Breaking News: Swin Flu jehigen 51 aharuge anhenaku maru vejjje | Mihaaru
Mihaaru
"ސްވެބް ޓެސްޓެއް ހަދަން ހުއްދަ ނެގީ، ބުނީ މިއީ ކޮން ކަހަލަ ހުމެއްތޯ ބަލަން ހަދާ ޓެސްޓެކޭ، ރަނގަޅުވަމުން އަންނަ ވައްތަރު ޖަހާފައި ކުއްލިއަކަށް ދުނިޔެ ދޫކުރީ،" އެ މީހާ ބުންޏެވެ.
ސްވައިން ފްލޫ ޖެހިގެން ފާތިމަތު މަރުވިކަން، އައިޖީއެމްއެޗުން ބެލި ޑޮކްޓަރުން ކަށަވަރު ކޮށްދިން އިރު، ފާތިުމަތު ނިޔާވީ ވެންޓިލޭޓަރެއްގެ އެހީގައި ނޭވާލަމުން ދަނިކޮށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އައިޖީއެމްއެޗުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ.
ފާތިމަތު ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލައިފަ އެވެ.
މާލެ އާއި އެކި އަތޮޅުތަކުގައި ވަރަށް ބާރަށް ހުން ފެތުރެމުންދާއިރު ސްވައިން ފްލޫ އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެ ބަލީގައި މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް 105 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ