ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 2،472 ވޯޓާ އެކު އުމަރަށް ނާކާމިޔާބުވި އެވެ. އަދި 2013 ގެ ރިޔާސީ އިންތިޚާބުގަައި ޕީޕީއެމްގެ ޕްރައިމަރީގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި އަނެއްކާ ވެސް ފެއިލް ވުމުން އުމަރު ނަސީރަކީ ހުސް ވާހަކަތަކެއް ދައްކަވާ ބޭފުޅެއްގެ ގޮތުގައި އެތައް ބަޔަކު ދެކެ އެވެ.
އެއަަށް ބެލުމެއް ނެތި އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް އުމަރު އިއުލާން ކުރެއްވުމަކީ "ބޮޑު ޖޯކެއް"ގެ ގޮތުގައި ދެކޭ އެތައް ބަޔަކު އެބަ ތިއްބެވެ. ހާއްސަކޮށް ސިޔާސީ ޕާޓީތައް ރާއްޖޭގައި ރަސްކަން ކުރާ މި ދަނޑިވަޅުގައި އިންތިޚާބުގައި ވާދަކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވިދާޅުވުމަކީ އަދި އެއަށް ވުރެ ބޮޑު ޖޯކެކެވެ.
ތިރީގައި މިވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އުމަރު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ. މި އިންޓަވިއުގެ ދެވަނަ ބައި މާދަމާ ގެނެސްދޭނެ އެވެ.
ރާއްޖޭގައި މިހާރު އޮތީ ސިޔާސީ ޕާޓީތަކުގެ ވެރިކަން. ސިޔާސީ ޕާޓީތައް މިހާ ބާރުގަދަ ދުވަސްވަރެއްގައި އަމިއްލަ ގޮތުން އިންތިޚާބަށް ނުކުމެވަޑައިގަތުމުން އުމަރު ހޮވޭނެ ގޮތަކީ ކޮބައިތޯ؟
ހޮވޭނެ. އޭގެ އެއް މިސާލަކީ 2008 ވަނަ އަހަރު ހަސަން ސައީދުގެ މިސާލު. ހަސަން ސައީދު ސްކޯކުރި ވަރަށް ހައިކޮށް. ވޯޓު ދިންއިރު ނޭނގޭ އެއީ މިނިވަން ކެންޑިޑޭޓެއްތޯ ނުވަތަ ޕާޓީއެއްގެ ބޭފުޅެއްކަން ވެސް. އޭރު ސިޔާސީ ޕާޓީތަކުގެ ރޫހު އަދި މާ ވަރުގަދަ. ރިޔާސީ ނިޒާމުތަކުގައި ޕާޓީ ޕްލެޓްފޯމް މުހިންމު. އެކަމަކު ކެންޑިޑޭޓްގެ ސްޓޭންޑް ވަރަށް ބޮޑަށް ކައުންޓް ކުރާނެ. އެހެންވެ ހަސަން ސައީދަށް އެހާ ބޮޑަށް ސްކޯ ކުރެވުނީ. މިހާރަށް ބަލާއިރު އަދި މާ ޗާންސް ބޮޑު. އެއީ ޕީޕީއެމްގެ އެންމެ ވަރުގަދަ މީހަކީ މައުމޫން. އެކަމަކު މައުމޫން އެވަނީ ޕީޕީއެމުން ވަކިވެފައި. ޕީޕީއެމް އަސްލުގައި އެ އޮތީ ދެ ބައި ވެފައި. އަހަންނާ ދިމާލަށް ޕީޕީއެމްގެ މީހުން އަންނާނެ. މައުމޫނަށް ތާއީދުކުރާ މީހުން މަށަށް ތާއީދު ކުރާނެ. އެއީ ޔަގީން ކަމެއް. ގާސިމަށް ތާއީދުކުރާ އެންމެންގެ ތާއީދު ލިބޭނެ. ދެން މެދުތެރޭގައި ތިބޭ މީހުން މި ކަނޑައަޅަނީ. އެ މީހުންގެ ފަރާތުން ވެސް ލިބޭ ތާއީދެއް ލިބޭނެ. ޕާޓީއަކަށް ވުރެން މިއަދު މެދުގައި ޖާގަ ބޮޑު ކަމަށް އަޅުގަނޑު ދެކެނީ.
އުމަރު (ވ)، ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރައްވަނީ: ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އުމަރު ވިދާޅުވި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
ޑރ. ހަސަން ސައީދުގެ މިސާލު ނަންގަވާއިރު ފާހަގަކޮށްލަން ޖެހޭ 2008 ގައި ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރު ބަލިކޮށްލުމުގެ ވިސްނުމެއް. އެ ބޭނުމުގައި ޑރ. ހަސަން އަށް ގިނަ ބަޔަކު ވޯޓުދިން ކަމަށް ބެލެވޭ. އެހެންވީމާ އޭރާ އަޅާބަލާއިރު މިހާރުގެ ހާލަތު ތަފާތު ނޫންތޯ؟
އެއިރު ވެސް އޮތީ ޑީއާރުޕީ. ސަރުކާރަށް އެހީތެރިކަން ދޭ ޕާޓީ އެއީ. އެއާ ދެކޮޅު ފިކުރަކީ އެމްޑީޕީ. އެމްޑީޕީ އޮތީ ވަރަށް އޮގަނައިޒް ކޮށް، ވަރަށް ހަރުދަނާކަން މަތީގައި. ވަރަށް އަޑުގަދަކޮށް، ބާރުގަދަކޮށް އެމްޑީޕީ އޮތީ. އެހެންވީމާ އެ ދެ ޕާޓީ އެހާ ވަރުގަދަކޮށް ދަނިކޮށް، ހަސަން ސައީދު މެދުން ނުކުމެ ސްކޯ ކުރީ. އަދި ސްކޯ ކުރި މެދުގައި ހުރި އެހެން މީހެއް ވެސް. އެއީ ގާސިމް. އެހެންވީމާ މެދުން ގާސިމަށް ވެސް [ވޯޓު] އަޅައިގެން، ހަސަން ސައީދަށް ވޯޓު އެޅީމާ ވެސް ފުދޭވަރަކަށް ހަސަން ސައީދުގެ ވޯޓު މަތީގައި އުޅުނީ. އަޅުގަނޑުގެ ޕޮއިންޓަކީ މެދުގައި ހުރި ޖާގަ އަކީ ވަރަށް ބޮޑު ޖާގައެކޭ. މިއަދުގެ ހާލަތު އަދި އެއަށް ވުރެ މާ ރަނގަޅު. ސަބަބަކީ ބޮޑު ދެ ޕާޓީ ގުޑް ގަވަނަންސްގައި ފެއިލް ވެއްޖެ. އެހެންވީމާ މެދަށް އަދި މާ ބޮޑަށް ޖާގަ ލިބޭ. އެ ފަހަރު ވޯޓު ދެ ބައި ނުވި ނަމަ މެދު ކާމިޔާބު ކުރީސް. ހަސަނާއި ގާސިމް އެއްކޮށް ގެންދިޔަ ނަމަ މެދު ވަރަށް މަތިން ވޯޓުން ނަގާނެ.
ހޯމް މިނިސްޓަރު ކަމުގައި އުމަރު ހުންނެވި ދުވަސްވަރު މިނިސްޓްރީގައި.---މިހާރު ފައިލް ފޮޓޯ
އެހެންވީމާ އުމަރު ތި އުންމީދު ކުރައްވަނީ މި ފަހަރު މެދުތެރެއިން ކުޅެގެން ކާމިޔާބު ވާނެ ކަމަށްތޯ؟
މި ފަހަރު އަޅުގަނޑު މި އުންމީދު ކުރަނީ މެދުން އެއް ޕްލެޓްފޯމް ނެގޭނެ ކަމަށް. އެއީ ގާސިމްގެ ސަޕޯޓާއި އަދާލަތު ޕާޓީގެ ސަޕޯޓް އަދި އިންޑިވިޖުއަލްކޮށް މެދުން މިކުޅޭ ޑރ. ޖަމީލް، [ކުރީގެ] ޑިފެންސް މިނިސްޓަރު ނާޒިމާއި އަހަރެންގެ ސަޕޯޓާއި މި ހުރިހާ އެންމެންނާ އެކު މެދު ކޮށާ މަގު މާ ވަރުގަދަ ވެފައި ފަލަވާނެ ކަމަށް ގަބޫލުކުރެވެނީ. އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް އެބަ ވިދާޅުވޭ. ނަޝީދަކީ ވެސް ގުޑް ގަވަނަންސްގައި ފެއިލް ވެފައި ހުރި މީހަކަށް ވެފައި، ޔާމީން ވެސް ގުޑް ގަވަނަންސްގައި ފެއިލް ވެފައި ހުރީމާ، މެދު މާ ރަނގަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެ ބައި ވެސް ޓެސްޓް ކުރެވިއްޖެ މިހާރު. ދެ ބައި މީހުން ވެސް ފެއިލް ވެއްޖެ. އެކަން ވަރަށް ސާފު. އެހެންވީމާ މެދުން ގުޑް ގަވަނަންސްގައި ތެދުވެރިކަމާ އެކު ސަރުކާރެއް ގާއިމްކުރާ ބައެއް ބޭނުންވޭ.
ނަޝީދު އެންމެ ފަހުން ލަންކާ އަށް ވަޑައިގެން ބޭއްވެވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނަށް ދުވަހަކު ވެސް ތާއީދު ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވި.
ފެށުނީއްސުރެ އުމަރު ފާހަގަކުރެވެނީ ނަޝީދާ ވަރަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައި. އެއީ ކީއްވެގެންތޯ؟ އެކަން އަބަދުވެސް އޮންނާނެ ގޮތަކީ މިއީތޯ؟ ސިޔާސީ ދާއިރާގައި ގޮތް ދޫކުރަން ޖެހޭ ހާލަތުގައި އެކަން ކުރަން ވާނެ ކަމަށް ސިޔާސީ ބައެއް މީހުން ބުނެއެއް ނޫންތޯ؟
އަޅުގަނޑަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލު ދޫކުރާ މީހެއް ނޫނޭ. ނަޝީދާ ދޭތެރޭގައި ޕާސަނަލް ކަމެއް ނެތް. ނަޝީދަކީ އަޅުގަނޑުގެ ތިމާގެ ވެސް ބޭފުޅެއް. އަޅުގަނޑުގެ ސެކަންޑް ކަޒިން. ނަޝީދުގެ ކާފަ އާއި އަޅުގަނޑުގެ މާމަ އެއީ ދެބެން. އެހާ ވެސް ތިމާގެ. އެކަމަކު މީގެ ނުކުތާ އަކީ އަޅުގަނޑު ނަޝީދާ މެދު ކުރި ހުރިހާ ތުހުމަތުތަކެއް އޭނާގެ ކިބައިން ފެނުނު. ދެހާސް އަށްވަނަ އަހަރުގައި ރާއްޖޭގެ އެންމެން ނަޝީދުގެ ފަހަތަށް އެރިއިރުގައި އަޅުގަނޑު އެކަނި ނާރަނީ. އަޅުގަނޑު ބުނިން އޭނާ އަކީ ލާދީނީ ފިކުރުގެ މީހެކޭ. މަސްތުވާތަކެއްޗާ ގުޅުން އެބަ ހުއްޓޭ. އެހެންވީމައޭ ނަޝީދުގެ ފަހަތަށް ނާރަނީ. އަޅުގަނޑު ނުދަން އޭރު މައުމޫން ކައިރިއަކަށް ވެސް. ފަހުން 2009، 2010 އައި އިރުގައި އަޅުގަނޑު ބުނި ކަންތައް ހަގީގަތަކަށް ވެއްޖެ. ނަޝީދަކަށް ދީނީ މިންގަނޑުގައި ރާއްޖެ ނުހިފެހެއްޓުނު. އިޒްރޭލާ އެކު މަސައްކަތް ކުރި. މަސްތުވާތަކެތި ބޮވޭނެއޭ، ބޮވެން ޖެހޭނެއޭ ބުނެ ހިތްވަރު ވެސް ދިން. އެހެންވީމާ އަޅުގަނޑު ބުނި ވާހަކަ ހަގީގަތަކަށް ވީ. މިއަދު އަނެއްކާ އޭނާ އެނބުރި އައިސް ތިމަންނަ ކުރިމަތިލަނީއޭ ބުނެ، ކުރިއަށް ވުރެ ނުލަފާ ވީމާ، އޭގެ މާނަ އަކީ ނަޝީދު ރަނގަޅުވުމެއް ނޫން. މިއީ އަޅުގަނޑަށް ނޯޅޭ ތަންކޮޅަކީ. އެހެން މީހުންނަށް އޮޅޭ ތަންކޮޅަކީ އޭނަށް ވުރެ ނުބައި މީހަކު އައިމާ ނަޝީދު ރަނގަޅުވީ. އަޅުގަނޑަކަށް ނުވޭ އެހެންނެއް.
ތީގެ މާނަ އަކީ ދުވަހަކު ވެސް ނަޝީދުގެ ފަހަތަށް ނާރުއްވާނެއޭތޯ؟
ނަޝީދުގެ ފަހަތަށް ނެތް އެރޭކަށް. އެކަމަކު އެމްޑީޕީ އެހެން މީހެއްގެ ލީޑަޝިޕަށް އަންނަ ދުވަހެއްގައި އެ މީހެއްގެ ކެޕޭސިޓީ ބަލަން ޖެހޭނީ.
އުމަރު ވަކި ހިސާބަކުން ސިޔާސީ ޕާޓީއެއް އުފައްދަފާނަންތޯ؟
އަޅުގަނޑު ޕާޓީއެއް ވެސް އުފައްދަފާނެ. ޖޭޕީ އަށް ވެސް އަރާފާނެ. އަދި ޕީޕީއެމުން ފުރުސަތެއް ލިބިއްޖިއްޔާ އެ ޕާޓީ ވެސް ނަގާފާނެ. އެހެންވެ އެއްވެސް އޮޕްޝަނެއް ކްލޯޒް ނުކޮށް މި ހުރީ. ދެން މިހާރު އިންޑިޕެންޑެންޓެއްގެ ގޮތުގައި މި އިއުލާންކުރާ ސަބަބަކީ ކެމްޕެއިން ފަށަން. ސަބަބަކީ އެ މާހައުލު އަންނަންދެން މަޑެއް ނުކުރެވޭނެ. އޭރުން މާ ލަސްވެދާނެ. އެހެންވީމާ އަޅުގަނޑުގެ އޮޑި ބަނދަރުން ފުރީ މި. މި އޮޑި ދެން ބަނދަރުގައި އަޅައިގެން، މިއަށް ފަޅުވެރިން ހަމަވަންދެން މަޑެއް ނުކުރެވޭނެ. ވަރަށް ގިނަ ދުވަހު މަޑުކޮށްފިން މިއަށް ފަޅުވެރިން ހަމަކުރަން. އެކަމަކު ހުރިހާ ފަޅުވެރިންނާއި ހުރިހާ ދަރަކާއި ހުރިހާ ރޯނެއް މިއަށް އަރުވައިގެން މި އޮޑި ފުރަން ވެއްޖިއްޔާ ފަހަރެއްގައި ލަސްވެދާނެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީއަކީ އެމްޑީޕީ. އެ ޕާޓީގެ ބާރު ރާއްޖޭގައި ވަރަށް ގަދަ. އެހެންވީމާ އެ މީހުންގެ އެހީތެރިކަމެއް ނެތި އުމަރަށް ކާމިޔާބު ވެދާނެތޯ؟
ހަމަ ވަރަށް ކައިރި ކާމިޔާބުވުން. ފުރަތަމަ ކަމަކަށް އެމްޑީޕީ ވެސް އެބަ ޖެހޭ އެ ޕާޓީގެ އެތެރޭގެ ހާލަތު ވެސް ބަލާލަން. އެމްޑީޕީގެ އެތެރޭގެ ހާލަތަކީ ވެސް ހަމަ މިއަދުގެ ޕީޕީއެމްގެ ހާލަތު. ޕީޕީއެމް ވެސް މިއޮތީ ލީޑަޝިޕުން އެތެރެކޮއިލުގެ ދޮރު ތަޅުލާފައި. އެމްޑީޕީ ވެސް އެ އޮތީ ލީޑަޝިޕުން އޭގެ އެތެރޭގެ ދޮރު ތަޅުލާފައި. އެހެންވީމާ އެމްޑީޕީގެ އެތެރެ ކޮއިލުގެ ދޮރުގެ ބޭރުގައި އެބަތިބި ގުޑް ގަވަނަންސަށް ވަކާލާތުކުރާ، ހެޔޮ ގޮތަށް ވަކާލާތުކުރާ، ރަނގަޅު ސަރުކާރު ހިންގަން، ތެދުވެރިކަމާ އެކު މަސައްކަތް ކުރާނެ ބައިވަރު މީހުން. އެހެންވީމާ އަޅުގަނޑަށް އެންމެ ފަހުން އެމްޑީޕީން ވެސް ވޯޓުލާނެ. ނަޝީދު ތިމަންނަ ކުރިމަތިލަނީއޭ، ތިމަންނަގެ ނަން އޮންނާނެއޭ ބުންޏަސް އެކަން ގަބޫލު ނުކުރާ އެތައް ބަޔަކު އެމްޑީޕީގައި އެބަތިބި. އެކަމަކު އެ މީހުންގެ ޕާޓީގެ އެންމެ މަތިން އެކަން ލޮކް ކޮށްގެން އުޅޭތީ ފާޅުގައި ވަކާލާތު ކުރާނެ ބަޔަކު ނުފެންނަނީ. ވަކާލާތު ކުރާ މީހުން ކަނޑާލާނެ. އެހެންވީމާ އެމްޑީޕީ ހަރުދަނާކަން މަތީގައި ނޯންނާނެ. އެއިން އެތައް ވޯޓެއް މެދަށް އެޅޭނެ. އަޅުގަނޑު މި ކިޔަނީ އެމްޑީޕީގައި މިހާރު އޮތް ލީޑަޝިޕްގެ ސަޕޯޓެއް ނޫން. އެމްޑީޕީގެ އާންމު މެމްބަރުންގެ ސަޕޯޓް ލިބޭނެ ވާހަކަ މި ބުނަނީ.
މައުމޫން ފައުންޑޭޝަނުން ބޭއްވި ހަފުލާއެއްގައި މައުމޫން އަދި އުމަރު ނަސީރު: ރިޔާސީ އިންތިޚާބުގައި މައުމޫނާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދު ލިބޭނެ ކަމަށް އުމަރު ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
އުމަރު އަމިއްލަ ގޮތުން ނުކުންނަވާތީ ބައެއް މީހުން ޖޯކު ވެސް ޖަހާ. ދެހާސް އަށެއްގެ އިންތިޚާބުގައި އުމަރަށް ލިބިވަޑައިގެންނެވި ނަތީޖާއާ އަޅާ ބަލާއިރު އަމިއްލަ ގޮތުން ނުކުމެ މިކަން ނުވާނެ ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ވެސް އެބަތިބި.
ނުވާނެ އެކަންޏެއް. އަދި އަޅުގަނޑު ނުކުމެ މިހުރީ ވެސް މިކަން އެކަނި ކުރާކަށް ވެސް ނޫން. އަޅުގަނޑަށް ސަތޭކަ ޕަސެންޓް ޔަގީންކަން އެބަ އޮތް، އަޅުގަނޑާ އެކު ރާއްޖޭގެ ބޮޑެތި ފިޝްތައް މޫވް ކުރާނެ ކަމުގެ. މިއީކީ ނަޝީދާ ވާދަކުރަން އުމަރު ނަސީރު އެކަނި ނުކުތުމެއް ނޫން. މިއީ އުމަރު ނަސީރު އެކަނި ނުކުމެ ޔާމީނާ ވާދަކުރާ ރޭހެއް ނޫން. ނަމެއް ނުބުނާނަން. އެކަމަކު ރާއްޖޭގެ ބޮޑެތި، ވަރުގަދަ ހުރިހާ ސިޔާސީ މީހުން ޖަމާވާނެ މި ފްރަންޓަށް.
ރައީސް ޔާމީނާ ވާދަކުރައްވާނެހެން ހީވާ އެންމެން މިހާރު ވެސް ތިބީ ޖަލުގައި ނުވަތަ ކޮންމެވެސް އަދަބެއް ދީފައި އެވަނީ. އުމަރަށް ވެސް އެހެން ވެދާނެ ނޫންތޯ؟ ހަރުގަނޑުގެ މައްސަލަ ވެސް އެ އޮތީ ނޫންތޯ؟
އަޅުގަނޑަށް ހެޔޮ ހުކުމެއް އަޔަސް. އަޅުގަނޑު އިންތިޚާބުގައި ބައިވެރިވާން އިއުލާން ކުރިއިރުގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ޝަރުއީ ކޯޓަކު ނޯންނާނެ. އެއްވެސް މައްސަލައެއް ޕީޖީއަކު ވެސް ނޯންނާނެ. އެއްވެސް ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަނަކު ވެސް ނޯންނާނެ. އަޅުގަނޑުގެ އެއްވެސް މައްސަލައެއް އެއްވެސް ތާކު ނޯންނާނެ. އަޅުގަނޑު ވަރަށް ސާފު. ދެން އަޅުގަނޑު އިންތިޚާބަށް އިއުލާން ކުރުމަށް ފަހު، ހިނގައިގަތުމަށް ފަހު އަޅުގަނޑަށް ހެޔޮ ކޮންމެ މައްސަލައެއް ކޮންމެ ތާނކު ހިނގިޔަސް. ދެން އިތުރު ވާހަކަތައް ފަޅުވައި އެކިއެކި ގެރި ވިއްސާނެ. އެހެންވީމާ އެކަމަކަށް އަޅުގަނޑު ކަންބޮޑެއް ނުވޭ. ޖަލުގައި އަޅުގަނޑު ނެތިއްޔާ މި ފަހަރު އަޅުގަނޑުގެ ނަން ކަރުދާސްކޮޅުގައި އޮންނާނެ އިރާދަކުރެއްވިއްޔާ. ޖަލަށް ގެންގޮސްގެން އަޅުގަނޑު ހުއްޓުވަން ޖެހޭނީ ހުއްޓުވަން ބޭނުމިއްޔާ. އެކަން ޔާމީން ކުރަން ބޭނުމިއްޔާ ކުރަންވީ. ޕޮލިޓީޝަނުންނަކީ މި ރިސްކާ ކުރިމަތިލާން ޖެހޭ ބައެއް. ﷲ އިރާދަކުރެއްވި ގޮތުން އަޅުގަނޑުމެންގެ އެތައް އެކުވެރިންނެއް ޖަލަށް ދިޔައިރުގައި ކޮންމެވެސް ސަބަބަކާ ހެދި އަޅުގަނޑު ޖަލަށް ނުގެންގޮސް ހުރީ. އަސްލު އޮރިޖިނަލީ ފުރަތަމަ ޖަލަށް ދާން ޖެހޭ މީހަކީ އަޅުގަނޑު. ކޮންމެވެސް ގޮތަކުން ﷲ އަޅުގަނޑު ސަލާމަތް ކުރެއްވީ. އެހެންވީމާ އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުގެ ކޮނޑުގައި އެޅޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށް. މި ޒިންމާ އުފުލަން މި ނުކުތީ. މިއަދު ހަގީގަތުގައި ނެތް އަޅުގަނޑު ވަރުގެ ކްރެޑިބަލް ކެންޑިޑޭޓެއް ތާޑް ފްރަންޓަކަށް ނުކުންނާކަށް.
ޖުމްހޫރީ ޕާޓީ ތެރެއިން އުމަރަށް ފުރުސަތު ލިބިދާނެތޯ؟
ޖޭޕީން ވެސް ބޯޅަ ޕާސް ކުރާނީ އެވަގުތު ގޯލާ އެންމެ ކައިރީގައި ހުރި މީހަކަށް. ޖޭޕީން ބޯޅަ ޕާސް ކުރަންޏާ މިވަގުތު އެންމެ އައުލާކަން ބޮޑީ އަޅުގަނޑާ. އެއީ އަޅުގަނޑު މި ހުރީ މިވަގުތު ގޯލާ އެންމެ ކައިރީގައި. ނާޒިމް ހުރީ ގޯލާ ވަރަށް ދުރުގައި. ޖަމީލް ވެސް ހުރީ ގޯލާ ވަރަށް ދުރުގައި. އެމީހުންނަށް ގޯލާ ކައިރިވެވޭނެ ފުރުސަތެއް ނުއެއް ފެނޭ. އެހެންވީމާ އަޅުގަނޑު އަތަށް ބޯޅަ ޕާސް ކުރަން ވާނެ އެންމެން ވެސް ބޯޅަ ޖަހަން.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކޯޓަށް ހާޒިރުކުރަނީ: ރިޔާސީ އިންތިޚާބުން ނާޒިމަށް ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އޭނާގެ ފަހަތަށް ވަޑައިގަންނަވާނެ ކަމަށް އުމަރު ވިދާޅުވި --މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
ނާޒިމަކީ އުމަރާ ވަރަށް ގާތް ބޭފުޅެއް. ރިޔާސީ އިންތިޚާބުން ނާޒިމަށް އެއްވެސް ފުރުސަތެއް ލިބިވަޑައިގެންފި ނަމަ އުމަރު ފަހަތަށް ޖެހިވަޑައިގެންފާނަންތޯ؟
އާނ. ޖެހޭނަން. އެއްވެސް ސުވާލެއް ނޯންނާނެ. ޖަމީލް ފަހަތަށް ވެސް އަރަން ތައްޔާރު. އަޅުގަނޑަށް ވުރެ ރަނގަޅު، ގާބިލް ކެންޑިޑޭޓަކު ހުރިއްޔާ އަޅުގަނޑު ފަހަތަށް ޖެހޭނަން. މައްސަލައެއް ވެސް ނެތް. ދެހާސް ތޭރައިގައި ވެސް ބުނިން އަޅުގަނޑަށް ވުރެ ރަނގަޅު ކެންޑިޑޭޓަކު އަތުވެއްޖިއްޔާ ފަހަތަށް ޖެހޭނަމޭ. ޔާމީނަކީ އެންމެ ރަނގަޅު މީހާއެއް ނޫނޭ. އެހެންވީމައޭ ޔާމީނާ ވާދަކުރަން ޖެހެނީ. ޕޮއިންޓަކީ އެންމެން ބެކްކުރާ މީހާ. މި ގަޑީގައި އެ ފުރުސަތު އޮތީ އަޅުގަނޑަށޭ މި ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރާ ފިކުރުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި މި ތިބީ. ނަޝީދަކީ އަޅުގަނޑު ގަބޫލުކުރާ ފިިކުރެއް ނޫން. އެމްޑީޕީ އަށް ވެސް އަންނަން ވާނީ އާ ލީޑަޝިޕެއް. ޕީޕީއެމް ވެސް ހަމަ އެހެން.
އުމަރު ވިދާޅުވަނީ ނަޝީދު ކުރިމަތިލެއްވިޔަސް އިންތިޚާބަށް ނުކުންނަވާނެ ކަމަށް. އެކަމަކު ޖަމީލް، ނާޒިމް ވެސް ހުންނެވީ ނަޝީދުގެ ފަހަތްޕުޅުގައި. އިދިކޮޅު އިއްތިހާދު އަދި އެބަ އޮތް. އެހެން ކަމަށް ވަންޏާ ޖަމީލް، ނާޒިމް އަދި އަދާލަތުން ނަޝީދު ދޫކޮށްފައި އުމަރާ އެއްބައިވެދާނެތޯ؟
އަޅުގަނޑަށް ހީވަނީ މިހާރުން މިހާރަށް އެ ބޭފުޅުންނަށް އަޅުގަނޑުގެ ފަހަތަށް ނޭރިގެން އުޅެނީ ތި ސުވާލުގެ ޖަވާބު އަދި ނުލިބޭނެތީހެން. ޖަމީލާއި ނާޒިމް އަޅުގަނޑުގެ ފަހަތަށް އަދި ނޭރިޔަސް އަޅުގަނޑަށް ކާމިޔާބުވާނެ. އެއީ ރާއްޖޭގެ ހެވީ ވެއިޓުންނެއް ނޫން. އެއް ހެވީ ވެއިޓް އެބަހުރި. އެއީ ނަޝީދު. އަނެއް ދެ ހެވީ ވެއިޓުން ތިބީ ބޭރުގައި. އަޅުގަނޑު ބޭނުންވަނީ މައުމޫނާއި ގާސިމް. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުގެ ފަހަތަށް އެ ބޭފުޅުން [މައުމޫނާއި ގާސިމް] އަރާނެ ކަމަށް. އެމްޔޫއޯގައި ތިއްބެވި ބައެއް ބޭފުޅުން ވެސް އަޅުގަނޑުގެ ފަހަރަށް އަރާނެއޭ އަޅުގަނޑު ބުނާނީ. ސަބަބަކީ ހަނދާން ނައްތާލައިގެން ނުވާނެ ނަޝީދުގެ ވެރިކަމުގައި އޭނާ އަމަލުކުރި ގޮތާއި ޔާމީންގެ ވެރިކަމުގައި ޔާމީން އަމަލުކުރަމުން މިދާ ގޮތާ މެދުގައި މާ ބޮޑު ފަރަގެއް ނެތް. ނަޝީދު އަތުގައި ހަމައެކަނި ޕާލަމެންޓްގެ މެޖޯރިޓީ ނެތީ. އޮތް ނަމަ އަޅުގަނޑު ދަންނަވާނީ މިއަދު މި ފެންނަ މަންޒަރުތައް މިއަށް ވުރެ ވެސް ގޯސްކޮށް ފެންނާނެއޭ. ޕާލަމެންޓް މެޖޯރިޓީ [ނަޝީދުގެ ވެރިކަމުގައި] ނެތަސް ޕޮލިޓީޝަނުން ހައްޔަރުކޮށްގެން ޕޮލިޓިކްސް ކުޅެން ނަޝީދު އުޅުނީ. އިކޮނޮމިކް ފްރަންޓަކުން ވެސް ސޯޝަލް ފްރަންޓަކުން ވެސް ނުކުޅެވުނު. އެހެންވީމާ އަޅުގަނޑަށް ވަރަށް ބޮޑަށް ޝައްކު ނަޝީދު އެއީ ކެންޑިޑޭޓް ވެއްޖިއްޔާ އޭނާގެ ފަހަތަށް އެހެން މީހުން އަރާފާނެ ކަމާ މެދުގައި. އަޅުގަނޑުގެ ގަޓް ފީލިން އަކީ ނާރާނެއޭ.
އެކަންޏެއް ނުވާނެ، ރާއްޖޭގެ ހެވީ ވެއިޓުން ތިބޭނީ އަޅުގަނޑުގެ ފަހަތުގައި: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ