މަގުބޫލުކަން ކުޑަ ރިޔާސީ ކެންޑިޑޭޓަކާ އެކު އިންތިހާބަށް ނުކުންނަން އާއްމު މެމްބަރުން ބޭނުމެއް ނުވާނެ: އުމަރު

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ އަށް އެ ޕާޓީގެ މެމްބަރުންގެ ތާއީދެއް ނެތް ކަމަށާއި 2013 ގެ ރިޔާސީ އިންތިހާބުގައި މަގުބޫލުކަން ކުޑަ ރިޔާސީ ކެންޑިޑޭޓަކާ އެކު ނުކުންނަން އާއްމު މެމްބަރުން ބޭނުން ނުވާނެ ކަމަށް ޒެޑް ފެކްޝަނުން މިއަދު ބުނެފި އެވެ.
ޑީއާރުޕީން ރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ލީޑަރު ތަސްމީނު އަލީ ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާތީ ރައްދު ދެއްވުމުގެ ގޮތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެ ޕާޓީން ވަކިކޮށްފައިވާ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވީ ޑީއާރުޕީގެ މެމްބަރުންގެ މެދުގައި މަގުބޫލު ޝަހުސިއްޔަތަކީ ޒައީމް މައުމޫނުކަން ރޭގެ ޖަލްސާ އިން ތަސްމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރާއްޖެ ސިއްސުވާލާނެ ކަމަށް ބުނެ ބޭއްވި ޖަލްސާ އަށް ވެސް ހާޒިރުވީ މަދު ބަޔަކު ކަން އުމަރު ފާހަގަކުރެއްވި އެވެ.
"މަގުބޫލުކަން ކުޑައޭ މި ދަންނަވަނީ އެބޭފުޅުންގެ ގޮވާލުންތަކަށް އާއްމު މެންބަރުން ހާޒިރުނުވާތީ. އެމަނިކުފާނު [ތަސްމީނު] ޖައްސަ ޖައްސައިގެން ތިން ޖަލްސާ އަށް ވެސް ގޮވީމަ 500 މީހުން ވެސް ހޯލަށް ނުވެއްދުނު. މި ތިން ޖަލްސާގެ އަލީގައި ޕާޓީގެ ރިޔާސީ ޓިކެޓާ ބެހޭގޮތުން ތަސްމީނު ވަކި ގޮތެއް ނިންމަވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ވީޓީވީގައި ބޭއްވި ބައްދަލުވުމުގައި އުމަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި، މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ ގައުމީ ޕާޓީ އާއި ތަސްމީނަށް ތާއީދުކުރައްވާ މީހުންގެ އިތުރުން އެމްޑީޕީގެ މެމްބަރުން ބައިވެރިވެގެން ވެސް އެ ޖަލްސާ އަށް ހާޒިރުވީ 300 އެއްހާ މީހުން ކަމަށެވެ. އެހެންކަމުން އެއީ މީހުންގެ ކުރިމަތީގައި ޕާޓީގެ "އަގު ވެއްޓުން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޒައީމް މައުމޫނާ ބެހޭގޮތުން ލީޑަރު ތަސްމީނު އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ އެތެރޭގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކައުންސިލަރުންތަކެއް މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ވެސް ޒައީމް މައުމޫންގެ އިޚުލާސްތެރި ކަމެއް ނެތް ކަމަށް ތަސްމީނު ވިދާޅުވި ނަމަވެސް އެކަން ނިންމަވާނީ ތަސްމީނު ނޫން ކަމަށެވެ. އެ މަޝްވަރާތަކުގައި އިހުލާސްތެރީ ކޮން ބޭފުޅެއްކަން ނިންމަވާނީ ކައުންސިލަރުން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ޕާޓީގެ ލީޑަޝިޕްގައި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރެއްވުމަށްޓަކައި މިހާ ހިސާބަށް ވެސް ޕާޓީގެ ޒައީމް ފޮރޮޅާނުލާ އެންމެ ގާކޮޅެއް ވެސް ނޯންނާނެ. ކުރިން ވެސް މިހާރު ވެސް އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ޒައީމް އަޅުގަނޑުމެންނަށް ވަނީ ކަށަވަރުކޮށްދެއްވާފައި،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިިދާޅުވީ ޑީއާރުޕީ ކުރިއެރިޔަ ނުދީ ހިފަހައްޓަނީ ވެސް ތަސްމީނު ކަމަށެވެ. އެގޮތުން އެ ޕާޓީގެ ގޮފިތަކުން އެދެމުން އަންނަ ގޮތަށް މިހާރުން މިހާރަށް ކުއްލި ގައުމީ ޖަލްސާއެއް ބޭއްވުމަށް ތަސްމީނަށް އުމަރު ގޮވާލެއްވި އެވެ.
"މެމްބަރުން ބޭނުންވާ ގޮތަށް ކަންތައް ކުރައްވަން ކޮންކަމަކާތޯ ތަސްމީނު ބިރުގަންނަވަނީ،" އުމަރު ސުވާލު އުފެއްދެވި އެވެ.
އެ ބައްދަލުވުމުގައި އުމަރު ވަނީ ތަސްމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޖީއެމްއާރުން ނެގި ކަމަށް ބުނާ ޓިކެޓް މައްސަލާގައި ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އިންޑިއާގެ އެފްސީއެމް ޓްރެވަލް ސޮލިއުޝަން ކިޔާ ކުންފުންޏަކުން އެ ދެބޭފުޅުންނަށް ޓިކެޓް ނަގައިދިން ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑު ތަސްމީނާއި ޝާހިދަށް ގޮވާލަން ކީއްވެގެންތޯއޭ އެފްސީއެމް ޓްރެވަލް ސޮލިއުޝަނުން ތަސްމީނާއި ޝާހިދަށް ޓިކެޓް ދޫކުރީ. އެކަމުގެ ޖަވާބު ދެބޭފުޅުން ދެއްވަން ޖެހޭ. މީގެ ކުރިން ވިދާޅުވީ ތިމަންނާމެން ޓިކެޓެއް ނުނަގަމޭ، ދަތުރެއް ނުކުރައްވަމޭ،" އެ ދެ ބޭފުޅުންނަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެ ދެ ބޭފުޅުންގެ ނަމުގައި ޖީއެމްއާރުން ޓިކެޓެއް ނަގާފައި ނުވާނެ ކަމަށް މިހާތަނަށް ތަސްމީނު އަދި ޝާހިދު ވެސް ވިދާޅުވެފައި ނުވާ ކަމަށެވެ.
އިލްހާމް ވިދާޅުވީ ޒައީމް މައުމޫންގެ އެދިވަޑައިގެންނެވުމަށް ޑީއާރުޕީގެ ކައުންސިލް ބައްދަލުވުންތަކުގައި ޒެޑް ފެކްޝަނުން ބައިވެރިވަމުން ދިޔަ ނަމަވެސް ތަސްމީނުގެ ފަރާތުން އެއްބާރުލުމެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ފެކްޝަނުގެ ޖަލްސާ ބާއްވަން ނިންމާފައިވާ ގަޑީގައި ކައުންސިލް ބައްދަލުވުން ބާއްވަން ނިންމައި ތަސްމީނު މެސެޖް ކުރެއްވި ކަމަށް އިލްހާމް ވިދާޅުވި އެވެ.
"އެ ބައްދަލުވުމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މެމްބަރުން ބައިވެރި. އަނެއް މެމްބަރުން ޖަލްސާގައި ތިބީ. އެ ބައްދަލުވުމުގައި ވެސް އަޅުގަނޑުމެންގެ ބައެއް މެމްބަރުންނަށް [ތަސްމީނަށް ތާއީދުކުރައްވާ ކައުންސިލް މެމްބަރުން] ޖެއްސުންކޮށް ފުރައްސާރަކޮށް ހެދި،" އިލްހާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ