ނާކާމިޔާބު ފިލްމުތަކުގެ މޫސުން އަދިވެސް ކުރިއަށް

ބޮލީވުޑްގައި މިހާރު 100 ކްރޯޑު ކްލަބާއި 200 ކްރޯޑު ކްލަބްތައް އުފެދިފައި ވާއިރު މި ހިސާބަށް ވާސިލު ވެވެނީ ވަރަށް މަދު ފިލްމަކަށެވެ. ހަގީގަތަކީ ފިލްމު ޕްރޮމޯޝަނަށް ބޮޑު ބަޖެޓެއް ކަނޑައަޅައިގެން ޚަރަދު ކުރި ނަމަވެސް އެންމެ 10 ކްރޯޑު ވެސް ގިނަ ފިލްމުތަކަށް ނުލިބޭ ކަމެވެ.
އެންމެ ފަހުން ފްލޮޕްވެފައިވާ ފިލްމުތަކުގެ ތެރޭގައި ޕެހެލަޖް ނިހަލާނީ އުފެއްދި "ޖޫލީ 2" ހިމެނެ އެވެ. މި ފިލްމަށް ލިބުނީ އެންމެ 50 ލައްކަ ރުޕީސް އެވެ. މިއީ "ޖޫލީ"ގެ ސީކުއަލް އެކެވެ. މި ފިލްމު ފްލޮޕްވުމުން މިއަހަރު ސީކުއަލްތަކަށް މާ ރަނގަޅު ތަރުހީބެއް ނުލިބޭކަން ވަނީ ސާބިތު ވެފަ އެވެ.
މީގެ ކުރީ ހަފުތާގައި ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔައީ "އަކްސަރް 2" އާއި ވިދްޔާ ބާލަންގެ "ތުމްހާރީ ސޫލޫ" އެވެ. މި ކުރިމަތިލުމުން "ތުމްހާރީ ސޫލޫ" ކުރި ހޯދިއިރު "އަކްސަރް 2" އަށް ލިބުނީ އެންމެ 2.44 ކްރޯޑު އެވެ.
އޭގެ ކުރިން ރިލިޒްކުރި ރާޖްކުމާރު ރާއޯގެ "ޝާދީ މޭ ޒަރޫރް އާނާ" އަށް މުޅި ޖުމްލަ ވެސް ލިބުނީ 6.50 ކްރޯޑު (65 މިލިއަން ރުޕީސް) އެވެ.
އަމީތާބް ބައްޗަންގެ "ސަރްކާރް 3"، ޝްރައްދާ ކަޕޫރުގެ "ހަސީނާ ޕާކާ"، ސަންޖޭ ދަތުގެ "ބޫމީ"، ސައިފް އަލީ ޚާންގެ "ޝެފް"، އަރްޖުން ރާމްޕާލްގެ "ޑެޑީ"، ސޮނާކްޝީ ސިންހާގެ "ނޫރް"، އަޔުޝްމާން ކުރާނާގެ "މޭރީ ޕިޔާރީ ބިންދޫ" އަކީ މިއަހަރުގެ މިހާތަަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ތަކެކެވެ.
ހަގީގަތުގައި މީގެން ކޮންމެ ފިލްމެއް ވެސް ވަރަށް ވަރުގަދަޔަށް ޕްރޮމޯޓްކުރި އެވެ. ނަމަވެސް ޕްރޮމޯޓްކުރި ވަރާ ގާތަށް ވެސް ފިލްމުގެ ކޮންޓެންޓް ރަނގަޅެއް ނޫނެވެ. އެހެންވެ ރަނގަޅަށް ޕްރޮމޯޓް ކުރެވުނަސް ފިލްމު ނުހިނގާނެ ކަން މިހާރު ފިލްމު އުފައްދާ މީހުންނަށް ޔަގީން ވާނެ އެވެ. ޕްރޮމޯޓް ނުކުރިޔަސް ކޮންޓެންޓް މޮޅުނަމަ ފިލްމު ކާމިޔާބު ވާނެކަން ޔަގީނެވެ.
ހުކުރު ދުވަހު ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި ކަޕިލް ޝަރުމާގެ "ފިރަންގީ" އާއި އަރްބާޒް ޚާނާއި ސަނީ ލިއޯނީގެ "ތޭރާ އިންތިޒާރު" ހިމެނެ އެވެ. ގިނަ ބަޔަކު ބުނަނީ އެމީހުން އެންމެ ބޮޑަށް ބަލަން ޝައުގުވެރިވަނީ "ފިރަންގީ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ