އދ.ގެ ސަލާމަތީ މަޖިލީހާއި ގުޅޭ ގޮތުން ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް: ޑރ. ޝަހީދު

ދިވެހިރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި، އެބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށް އދ.ގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ، ރާއްޖެ އާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ދިރާސާކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާ އަށް ލުމަށް ނުރަސްމީ ފެންވަރެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް އެކަން ކާމިޔާބުވެފައިނުވާ ކަމަށެވެ.
"ރެއާއި ހަމަޔަށް ދިޔައީ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި ދިވެހިރާއްޖެ އާ ދޭތެރޭ އަޅާނީ ކޮން ފިޔަވަޅެއްތޯ ދިރާސާ ކުރަމުން، ވާހަކަ ދައްކަމުން. ނުރަސްމީ ގޮތުގައި ވާހަކަ ދެއްކީ. އޮތީ ރަސްމީ އެޖެންޑާ އަށް ލާ ހިސާބަށް. އެހެންނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންގެ އީމާން ކަމާއި، އަޅުގަނޑުމެން ތިބީ ތެދުމަގުގައި ކަމަށް ވާތީ އެކަންވެސް ހާސިލްނުވެ ދިޔައީ. އެކަމުންވެސް. ޚާރިޖީ ސިޔާސަތުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ނަސްރު. މިއަދު، މިދެންނެވި ގޮތަށް ނިންމުމުގައި އަޅުގަނޑުމެންނާ އެންމެ ވަރުގަދަ އަށް މިމަސައްކަތް ކޮށްދެއްވީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. ރަޝިއާ އާ ޗައިނާ އާ ސައުދީ އަރަބިއްޔާ އާ އެންމެ ވަރުގަދަ އަށް އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދެއްވީ" ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންނަމަވެސް ޑރ. ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ވޯޓެއް ނަގާފައިނުވާ ކަމަށާއި، ޤަރާރެއް އަދި އެއްވެސް ހުށަހެޅުމެއްވެސް ހުށަހަޅާފައިނުވާ ކަމަށެވެ.
Claims by @PresidentYAG that UNSC took any decision on Maldives is an absolute lie! There was no vote, no resolution, no motion on Mdv!
އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ ދިވެހިރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ރިޕޯޓެއް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
ޔެންޗާގެ މި ރިޕޯޓްގައި، ދިވެހިރާއްޖޭގައި މިވަގުތު ނުރައްކާތެރި ހަމަނުޖެހުމެއް ހިނގަމުންނުދާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ މަޝްރަޚް އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށް ބުނެފައިވާ ކަމަށް ބައިނަލްއަޤްވާމީ ބައެއް މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވެއެވެ. މިބައްދަލުވުމަށް ފަހު ސަލާމަތީ މަޖިލީހުން ބަޔާނެއް ނެރެފައެއްނުވެއެވެ. އެހެން ނަމަވެސް އދ.ގެ ބައެއް މަސްދަރުތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ވަނީ، ރާއްޖޭގެ މަޝްރަޚު އިތުރަށް ގޯސްވުމުގެ ބިރު އެބައޮތް ކަމަށް ޔެންޗާ ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެ އާ ގުޅޭ ބައްދަލުވުމެއް ބާއްވާފައިވަނީ، ސިޔާސީ ކުށްވެރިން މިނިވަންކޮށް،ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމާއި ގުޅިގެންނެވެ.
މިއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ދިވެހިރާއްޖޭގެ ހާލަތު އޮތް ގޮތާއި ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
އދ،ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. މީގެ އިތުރުން އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ކޮމިޝަނަރ ޒެއިދު ރަޢަދު އަލް ހުސެއިން ވަނީ، މިމައްސަލާގައި ރައީސް ޔާމީން އަމަލު ކުރައްވާފައިވާ ގޮތަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހުރިހާ ބާރަކާއި ވަޞީލަތްތަކެއް ބޭނުން ކުރައްވައިގެން ޑިމޮކްރަސީ އަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރެއްވި ފަހުން އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޯ ޕޮލިޓިކަލް އެފެއަރޒް މިރޮސްލާވް ޔެންޗާ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އަށް ފޯނުން ގުޅުއްވައި، ފަނޑިޔާރުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ.
އަދި ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ މައްސަލަތައް ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާގެ ތެރެއިން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައި، މަޝްވަރާތަކަށް މަގުފަހި ކޮށްދިނުމުގައި އދ. އިން އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ޔެންޗާ ދިވެހި ސަރުކާރަށް ދަންނަވާފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ފަރްހާން ޙައްޤު ވިދާޅުވެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ