އެކަނި ވިޔަސް، ފަހަތަށް ނުޖެހޭނެ ކަމަށް މައުމޫން ވިދާޅުވި: ވަކީލު

ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތުގައި އެކަނި ހުންނަވަން ޖެހުނަސް އެ ގޮތުގައި ދެމިހުންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި ކަމަށް އެ މަނިކުފާނު ވަކީލުން މިއަދު ބުނެފި އެވެ.
މައުމޫން ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ދެއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރަން ރޭވިކަމުގެ ތުހުމަތުގަ އެވެ.
މައުމޫންގެ ވަަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގައި ހިމެނޭ ވަކީލު މައުމޫން ހަމީދު ވިދާޅުވީ މިހާރު ކަންކަން ހިންގަމުންދާ ގޮތުން، މައުމޫންގެ މައްޗަށް ދައުވާއެއް އުފުލައި، ހުކުމެއް ކޮށްފާނެ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވަ އެވެ. ނަމަވެސް ކިތަންމެ ބިރެއް ދެއްކިޔަސް ފަހަތަށް ނުޖެހޭނެ ކަމަށާއި އަދި ދޫ ދިނުމެއް ނެތް ކަމަށް މައުމޫން ވިދާޅުވި ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ.
"ރައީސް މައުމޫން ޝައްކެއް ނުކުރައްވާ، މިއަށް ވުރެ ގޯސް ވެސް ވެދާނެ. އެހެން ނަމަވެސް ރައީސް މައުމޫންގެ މެސެޖަކީ އެއްވެސް ފަރާތަކުން ހީކޮށްގެން ނުވާނެއޭ މިފަދަ ބިރެއް ދެއްކިޔަސް އެންމެ ތަންކޮޅެއް ވެސް ފަހަތަށް ޖެހޭނެ ކަމަކަށް، އެންމެ ފިޔަވަޅެއް ވެސް ފަހަތަކަށް ޖެހޭނެ ކަމަކަށް. އެއީ ކުށް ހީއެއް ކަމަށް ރައީސް މައުމޫން ވިދާޅުވީ. އެހެން އެކަކު ނެތަސް ތިމަންނާ ހުންނާނެ ކަމަށް ވިދާޅުވީ،" ވަކީލް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން ގާނޫނާ ޚިލާފަށް ހިންގާ އެއްްވެސް ތަހުގީގަކަށް އެއްބާރުލުން ނުދެއްވޭނެ ކަމަށް މައުމޫން ވިދާޅުވި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ހައްގުތަކާއި ގާނޫނުތައް ފޮރުވުމަށް ފަހު، އެ ތަހުގީގަކީ ގާނޫނާ އެއްގޮތަށް ހިނގާ ތަހުގީގެއް ކަމަށް ފުލުހުންނަށް ނުބުނެވޭނެ ކަމަށް އެ މަނިކުފާނު ތަހުގީގުގައި ވިދާޅުވި ކަމަށް ވެސް ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި ޖިނާއީ އެއްވެސް ކުށެއް ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން ފަހުން ވެސް ތަކުރާރު ކުރެއްވި ކަމަށް ވަކީލު ވިދާޅުވި އެވެ.
"މިއީ ގާނޫނީ އިމުން ބޭރުން ހިންގާ ތަހުގީގެއް ކަމަށް ރައީސް މައުމޫން ސާފު ސީދާ ބަހުން ވިދާޅުވި ފުލުހުން އަރިހު. އެހެންވީމަ ގާނޫނީ އިމުން ބޭރުން ހިނގާ ތަހުގީގަކަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށް، ގާނޫނީ އިމަށް ފުލުހުން އަނބުރާ ރުޖޫއަވުމާ އެކު ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި،" މައުމޫން ހަމީދު ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ކުއްލި ހާލަތު އިއުލާންކޮށް، ހައްޔަރުކުރި އެއްވެސް ބޭފުޅަކު ދޫކޮށް ނުލަނީސް އެއްވެސް ފަރާތަކާ އެކު ކުރަންޖެހޭ މަޝްވަރާއެއް އޮތް ކަމަކަށް މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. ސަބަބަކީ ކުއްލި ހާލަތު އިއުލާންކޮށް، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ދެން ހައްޔަރުކުރި ބޭފުޅުން ވެސް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް މައުމޫން ދެކެވަޑައިގަންނަވާތީ ކަމަށް ވަކީލު މައުމޫން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓު ވެސް ކުރިން އޮތް ގޮތަށް މިނިވަންކަމާ އެކު ހިންގަން ޖެހޭނެ ކަމަށް މައުމޫން ދެކެވަޑައިގަންނަވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
"މިއީ ބަޔަކު އުފެއްދި ހާލަތެއް. މި ހިސާބަށް އަންނާކަށް ނުޖެހޭ. ގާނޫނުއަސާސީ އެބައޮތް، ގާނޫނު އެބައޮތް. ގާނޫނުއަސާސީގައި އެބަ ބަޔާންކުރޭ ގޮތްތަކެއް. ގާނޫނުތަކުގައި އެބަހުރި ގޮތްތަކެއް. ކޮންމެ މީހަކާ މެދު ތުހުމަތެއް ކުރެވުނަސް އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވޭނެ ގޮތްގޮތް ހުއްޓާ، މިކަމެއް ނުކުރެވޭނެއޭ، ގާނޫނާ އެއްގޮތަށް މިކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީމަ އެބަ އެނގޭ ދެއްތޯ ކޮބައިކަން މީގެ ހަގީގީ މަގްސަދަކީ،" ވަކީލު މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނާ އެއްގޮތަށް ތަހުގީގުތައް ހިންގައި، ފިޔަވަޅުތައް އަޅާ ނަމަ އެކަމުގެ އެއްވެސް ޝަކުވާއެއް ނޯންނާނެ އެވެ. އެހެން ނަމަވެސް މިހާރު ކަންކަން ހިނގަމުންދަނީ އެގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ