ރާއްޖެއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ އަދުލު އިންސާފު، ފުލުހުންނާއި ސިފައިން މިނިވަން ބަޔަކަށް ހަދާނަން: އިބޫ

ރާއްޖެއަށް މި ވަގުތު އެންމެ ބޭނުންވަނީ އިންސާފު ގާއިމުކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ކުރައްވާ އިބޫ އަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްއިން ފާސްކުރުމާއެކު ކޮންގްރެސްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެ ބޭފުޅުންގެ ސަރުކާރެއްގައި މައިގަނޑު އެއް އަމާޒަކަށްވާނީ އިންސާފު ހޯދަދިނުން ކަމަށެވެ.
އޭގެ އިތުރުން އާ އުސްމިންތަކަށް ރާއްޖޭގެ އިގުތިސާދު ގެންދެވޭނެ ވިސްނުން ދިވެހިންގެ އެބަ އޮތް ކަމަށް ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އިގުތިސާދު ކޮޅަށް ޖެހޭނެ ވަރުގެ ދިވެހިން ތިބި ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމަށް ވައުދުުވެވަޑައިގެންނެވި އެވެ. ހަމަ އެހެންމެ ހުނަރުވެރި ދިވެހިންނަށް ހަމަ ހަމަ ފުރުސަތުތަކެއް އެމަނިކުފާނުގެ ސަރުކާރެއްގައި ހޯދަދޭނެ ކަމަށް ވިދާޅުވި އެވެ.
ހާރިޖީ ސިޔާސަތުތަކަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ އިންޑިޔާ ކަނޑުގެ ހަމަޖެހުމަށްޓަކައި ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ބޮޑު ކަމަށާއި އަދި އެކަން ކުރުމަށް ރާއްޖެއިން ފަހަކަށް ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއިން އެކި ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވެފައި އޮތް ނަމަވެސް އެ ގުޅުން ރަނގަޅު ކުރައްވާނެ ކަމަށެވެ.  
ސަލާމަތީ ހިދުމަތަކީ ގައުމީ ހިދުމަތަކަށް ހަދަންޖެހޭކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި ފުލުހުންނާއި ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހައްދަވާނެކަމަށް އިބޫ ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް ހުނަރުވެރި މީހުން އެބަ ތިބި ކަމަށާއި ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ގާނޫނީ ބާރުވެރިކަން ދީ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ