ސްޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީއާއި އަބްދުލް ޣަނީ މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީއާއި އަބްދުލް ޣަނީ މުހައްމަދު ސްޕުރީމް ކޯޓުގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް އައްޔަން ކުރުމަށް ރުހުންދީފައިވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ވޯޓުންނެވެ. ރޭގެ ޖަލްސާގައި ބައިވެރި ވަޑައިގެންފައިވަނީ ވެސް ހަމައެކަނި ޕީޕީއެމް އެމްޑީއޭ ކޯލިޝަން އަށް ނިސްބަތްވާ މެމްބަރުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެ ފަނޑިޔާރުންނަށް ހުވާ ލައިދެއްވާފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. އަދި އެރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ މަގާމުގެ ލިޔުން އެ ދެ ފަނޑިޔާރުންނަށް އަރުވާފައެވެ.
އަބްދުﷲ ދީދީއާއި ޣަނީ ސްޕުރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ލަފާދީފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިފައިވުމާއެކު އެ ދެމަގާމު ހުސްވެފައިވުމުންނެވެ.
ރައީސް އަބްދުﷲ ޔާމީން, ސްޕުރީމް ކޯޓުގެ ފަޑިޔާރުންނަށް އަބްދުﷲ ދީދީއާއި ޣަނީ އަންޔަން ކުރެއްވި އިރު, އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ އައްޔަން ކުރައްވާފައެވެ.
ސްޕުރީމް ކޯޓުގެ ފަނޑިޔާރުންނަށް އަބްދުﷲ ދީދީއާއި ޣަނީ އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ