ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ރާއްޖޭގައި ތިބި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ އެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެެވެ. އެގޮތުން، ކެންސަރު ބަލީގެ ގައުމީ ދަފްތަރެއް އެކުލަވާލައި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން" އެކުލަވާލަމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ، ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކާއި ފަރުވާ ހޯދާފައިވާ ފަރާތްތަކަކީ ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑު އަދި ބަލި ޖެހުމުން ބޮޑުވަރުވުމުގެ ފުރުސަތު ބޮޑު މީހުން ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ކެންސަރު ބަލި ހުންނަ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އެޗްޕީއޭއިން އިލްތިމާސް ކުރި އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން 2018 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓު މީހުން މަރުވާއިރު އޭގެ ތެރެއިން 17 ޕަސެންޓު މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ