ކާޑެއްދޫ އެއާޕޯޓު އަތުލި މައްސަލަ: ބަންޑާރަ ނައިބު ދައްކަވާ ވާހަކަ ތާކުންތާކު ނުޖެހޭ: ގާސިމް

ވިލާ ކުންފުނި އަތުން ގދ. ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ މިދިޔަ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ނިކުތުމުން ކަން ދައުލަތަށް މިހާރު ކަނޑައެޅިގެން އެނގުނު ނަމަވެސް ކުރީ ސަރުކާރުގެ އެ ނިންމުން ދިފާއު ކުރާތީ ހިތާމަ ކުރާ ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފަންސާސް އަހަރަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަށް ދީފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓު، އެ ކުންފުނީގެ އަތުން އަތުލީ 2017 ވަނަ އަހަރު އެވެ. އެ މައްސަލާގައި 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެއާޕޯޓް އަތުލާފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި 2019 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދު ކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ގާސިމް ވަނީ އޭނާގެ ކުންފުންޏަށް އެއާޕޯޓު ދިނުމަށް ދައުލަތުން ދެކޮޅު ހަދަމުންދާތީ އެކަމާ ނުރުހުން ފާޅުކުރައްވައި ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު މިއަދު ވަރަށް ހައިރާންވޭ ސަރުކާރުގެ އިސްކޮށް ތިބި ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ދައުވާ ކުރާއިރު އެބޭފުޅުންނަށް ވެސް ރަނގަޅަށް ސާފުކޮށް އެނގިވަޑައިގެން ތިއްބަވައި މި ކަމުގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގައި މިވަރަށް މި ބަހުސް ކުރައްވާއިރު ކަނޑައެޅިގެން ފާޅުގައި އެނގިއޮތް ކަމެއްގައި ދުވާލުގެ މެންދުރުގެ އިރުގެ އަލިހެން އެނގެން އޮތް ކަމެއްގައި މިބޭފުޅުން ދެކޮޅު ނުޖެހޭ ވާހަކަ ދައްކަވާތީ އަޅުގަނޑު ހިތާމަކުރަން ދެރަވަން،" ގާސިމް ވިދާޅުވި އެވެ.
އެ ކަމަކީ ވިލާއިން އެގްރީމަންޓާ ހިލާފުވެގެން ކޮށްފައި އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެކަމާ ކިތަންމެ ވަރަކަށް ހިތާމަކޮށް ދެރަވި ނަމަވެސް ކުރާނެ ކަމެއް ނެތް ކަމަށެވެ.
ވިލާ އަތުން އެއާޕޯޓު އަތުލުމަކީ މިދިޔަ ސަރުކާރުން އޭނާއަށް ދީފައިވާ ބޮޑު އަނިޔާއެއް ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ އަނިޔާ ދިނުމަށް މެދުވެރިވި ސަބަބަކީ އެ ދުވަސްވަރު ދައުލަތުގެ ފައިސާއާއި ކޮރަޕްޝަނާއި އަދި އަނިޔާވެރިވުން އިންތިހާ ދަރަޖައަށް ގޮސްފައިވާތީ އެވާހަކަ އޭނާ ދެއްކެވުން ކަމަށެވެ.
"ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު އެ ވިދާޅުވާ ވިދާޅުވުން ތާކުން ތާކު ނުޖެހޭ ކަމަށް އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ. އަޅުގަނޑު ވަރަށް ހައިރާންވެ ލަދުވެތިވެސް ވެއްޖެ އެބޭފުޅުން އެފަދަ ވާހަކައެއް ދައްކަވާތީ،" މާމިގިލީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އެވެ. އިއްޔެގެ އަޑުއެހުން ނިންމާލިއިރު ދެ ފަރާތުން ދައްކަން ހުރި ވާހަކަތައް އަދި ނިމިފައެއް ނުވެއެވެ. އެހެން ކަމުން ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތަށް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ