ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރައްވައި ބަންދުކުރައްވައިގެން ގެންގުޅުއްވި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އުފުއްލެވި ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިނާއި، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަމުންދާ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަނީ ތަހްޤީޤަށް ބަޔާން ދެއްވާފައި ކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފިއެވެ.
ތަހްޤީޤަށް ބަޔާން ދެއްވާފައިވާ ދެ ފަނޑިޔާރުންނަކީ އަލްއުސްތާޒް އަބްދުﷲ ދީދީ އާއި އަލްއުސްތާޒް އަބްދުލްބާރީ ޔޫސުފެވެ.
ރައީސް ނަޝީދުގެ އޮފީހުން ބުނެފައި ވަނީ، މި ދަޢުވާގައި ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގައި، ޕީޖީ މުހްތާޒްއާއި ގާޒީ އަބްދުލްބާރީއާއި ގާޒީ އަބްދުﷲ ދީދީގެ ބަޔާންތައް ވެސް ހިމެނޭ ކަމަށެވެ.
"އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރެލްއަށް މިމައްސަލަ ހުށަހެޅުއްވައި ކްރިމިނަލް ކޯޓުން މައްސަލަ ބަލައިގަތުމަކީ ސީދާ ސިޔާސީ މަޤްޞަދެއް ޙާސިލް ކުރުމަށް ކަމުގައި ދެކެމެވެ،" ރައީސް ނަޝީދުގެ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުން ބުނެފައި ވަަނީ، ހެކިބަސް ދޭ ފަރާތަކީ، ބައިނަލްއަޤްވަމީ ހަމަތަކާއި އަދި އިސްލާމީ ޝަރީޢަތުގެ އުސޫލުތަކަށް ބަލާއިރުވެސް، މައްސަލަ ފައިސަލާކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ބައެއް ނޫންކަމަށެވެ.
އެހެންކަމުން، "ސިޔާސީ މަޤްޞަދެއް ޙާސިލް ކުރުމަށް ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިމިވާ މައްސަލަ" މިހާރުން މިހާރަށް އަނބުރާ ގެންދިއުމަށް އެ އޮފީހުން ވަނީ ގޮވާލާފައެވެ. އަދި "ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބޭ ފަދަ ގޮތަށް" ޕީޖީއާއި ކޯޓުތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
އިއްޔެ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒް ހަސަން ލަތީފް ސޮއިކުރައްވައި، ކްރިމިނަލް ކޯޓަަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލަ ބަލާ ތިން ފަނޑިޔަރުންގެ ތެރެއިން އަލްއުސްތާޒް އަބްދުﷲ ދީދީ އާއި އަލްއުސްތާޒް އަބްދުލްބާރީ ޔޫސުފަކީ އެމަނިކުފާނުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ދެ ހެކިން ކަމަށެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގައި ބަލަމުންދާ ރައީސް ނަޝީދުގެ މައްސަލަ ބެލުމުން އެ ދެ ފަނޑިޔާރުން ތަނާޒުލުވެވަޑައިގަތުމަށް ރައީސް ނަޝީދުގެ ވަކީލުންގެ ފަރާާތުން ހަސަން ލަތީފް ވަނީ އެދިވަޑައިގެންފައެވެ.
މުހްތާޒް، ގާޒީ އަބްދުލްބާރީ އަދި ގާޒީ އަބްދުﷲ ދީދީ ވަނީ ތަހްޤީޤަށް ބަޔާން ދީފައި - ނަޝީދުގެ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ