ދިވެހިންގެ އެހީއާއިއެކު ޣައްޒާގައި ބައެއް ރައްޔިތުން ގެތަކުގައި ދިރިއުޅެން ފަށަނީ

މިދިޔަ އަހަރުގެ މެދުތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަރައި ހިންގި ގަތުލުއާންމާއި ގުޅިގެން ހާލުގައި ޖެހުނު ޣައްޒާ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ހުޅުވި ފަންޑުން ލިބުނު ފައިސާގެ އެހީގައި އަޅާ ހައުސިންގ ޔުނިޓުތަކުގައި ޣައްޒާ ރައްޔިތުން ދިރިއުޅެން ފަށަން ތައްޔާރުވެއްޖެއެވެ.
ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށްޓަކައި “ޣައްޒާ ފަންޑު މޯލްޑިވްސް” ނަމުގައި ހުޅުވި ފަންޑަށް 1.9 މިލިއަން ޑޮލަރު ލިބިފައިވާއިރު، މި ފައިސާގެ އެހީ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމާ ހަވާލުވެފައިވަނީ ގަތަރު ރެޑްކްރޮސެންޓުންނެވެ.
މި ފައިސާގެ އެހީގައި ކުރަން ނިންމާފައިވަނީ 100 އާއިލާއަކަށް ބޯ ހިޔާވަހިކަން ފޯރުކޮށްދީ ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށެވެ.
ގަތަރު ރެޑް ކްރެސެންޓުން ބުނީ ރާއްޖޭން ދިން އެހީގައި ގާއިމްކުރާ 100 ހައުސިން ޔުނިޓްގެ ތެރެއިން ނިމިފައިވާ 27 ހައުސިން ޔުނިޓް ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ހަވާލުކުރާނެ ކަމަށާއި ޣައްޒާގެ ބައިތު ހަނޫނުގައި ބިނާކުރި އެ ހައުސިން ޔުނިޓްތައް މީހުންނާ ހަވާލުކުރާނީ ބައިތު ހަނޫނުގެ މުނިސިޕަލްޓީއާއި މިނިސްޓްރީ އޮފް ހައުސިންގ އާއި ގުޅިގެން ކަމަށެވެ.
ޣައްޒާގެ އުތުރުގެ ސަރަހައްދެއްގައި އިމާރާތްކުރަމުންދާ ހައުސިންގ ޔުނިޓުތައް ހެދުމަށް ބޭނުން ކުރާ ޝެލްޓަ ޕެނަލްސްތައް ހަދާ ނިމިފައިވާއިރު، ބައެއް ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި އެގޮތުން 73 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ވެސް ގަތަރު ރެޑްކްރޮސެންޓުން މައުލޫމާތުދެއެވެ.
" މޯލްޑިވްސް ޝެލްޓާ ސެންޓާ" ގެ ނަމުގައި ބިނާ ކުރާ ތަނުގައި ހިމެނޭ ހައުސިން ޔުނިޓްތަކުން 700 މީހަކަށް ބޯހިޔާވަހިކަން ލިބޭނެއެވެ.
ރާއްޖޭން ދިން އެހީގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ބޭސްފަރުވާގެ ވަސީލަތްތަކުގެ ފުރަތަމަ ޝިޕްމެންޓް ލިބި، އެތަކެތިވެސް ބަހާފައިވާ ކަމަށް ގަތަރު ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ. އަދި ބާކީ ހުރި ޝިޕްމަންޓުތައް ބެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރެޑްކްރެސެންޓުން މައުލޫމާތުދެއެވެ.
އިސްރާއީލް ސިފައިން ޣައްޒާއަށް އަރައި ހިންގި އުދުވާނުގެ ސަބަބުން ފަލަސްތީނުގެ 2100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުވެ 11،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. 50 ދުވަސް ވަންދެން ހިންގި އުދުވާނުގެ ސަބަބުން އެއްލައްކަ ގެއަށް ގެއްލުން ލިބި ގިނަ ގެތަކެއް ވަނީ ސުންނާފަަތިކޮށްލާފައެވެ.
ގަތަރު ރެޑްކްރެސެންޓުން ބުނީ މިހާތަނަށް ނުގެންދެވި ހުރި ޝިޕްޓަމްންޓުތައް ގެންދިއުމަށް އިސްރާއީލު އަސްކަރިއްޔާއާ ވާހަކަ ދައްކާފައިވާ ކަމަށާއި ހައުސިންގ ޔުނިޓްގެ މަސައްކަތާއި ޝިޕްމަންޓުތައް ޣައްޒާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލަސްވަނީ އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތުމުގެ ސަބަބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ