ރާއްޖޭގެ ފުރަތަމަ މެޑިކަލް ޑޮކްޓަރު ޑރ އަބްދުﷲ އަބްދުލް ހަކީމު (އެންޑީ އަބްދުﷲ) އަވަހާރަވެއްޖެ އެވެ.
އެންޑީ އަބްދުﷲ އަވަހާރަވީ އުމުރުފުޅުން 81 އަހަރުގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. މިއަދުގެ ވަގުތެއްގައި އަބުދުﷲއަށް އޭޑީކޭގައި ފަރުވާ ދެއްވަން ފެއްޓެވީ ހާލުކޮޅު ގޯސްވުމުގެ ސަބަބުންނެވެ.
ރާއްޖޭގެ ފުރަތަމަ ލޮލުގެ ޑޮކްޓަރު އަބުދުﷲ އަބުދުލް ހަކީމު ސިއްހީ ދާއިރާއިން ހިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 1964 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގައެވެ.
ދިވެހި ސަރުކާރަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަބުދުﷲ ހިދުމަތްކުރައްވާފައިވާއިރު، ސަރުކާރުގެ ހޮސްޕިޓަލްގައި ދިގު މުއްދަތެއް ވަންދެން އަބުދުﷲ ވަނީ ހިދުމަތްކުރައްވާފައެވެ. މީގެ އިތުރަށް އޭނާގެ ހިދުމަތް އަމިއްލަ ގޮތުންވެސް ގިނަ ބަޔަކަށް ދިގު މުއްދަތެއް ވަންދެން ދެއްވާފައިވާކަން ފާހަގަކުރެވެއެވެ.
ޑރ އަބުދުﷲ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ލޮލުގެ ފަރުވާ ދެއްވަން ފެއްޓެވި ދުވަސްވަރަކީ ރާއްޖޭގެ ސިއްހީ ހާލަތު ވަރަށް ނިކަމެތިކޮށް އޮތް ދުވަސްވަރެއް ނަމަވެސް ލިބިފައިވާ މަދު ވަސީލަތްތަކާއިއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ އޭނާ ވަނީ ދިވެހި ރައްޔިތުންނަށް ސިއްހީ ފަރުވާ ދެއްވާފައެވެ.
މީގެ އިތުރަށް ޑރ އަބުދުﷲ ވަނީ ދިގު މުއްދަތެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. އެގޮތުން ސާދަ އަހަރު ދުވަސްވަންދެން ޅ އަތޮޅުގެ މެންބަރުކަން އޭނާ ވަނީ ކުރައްވާފައެވެ.
ޑރ އަބްދުﷲ އަބްދުލް ހަކީމު އަވަހާރަވީއިރު އަނބިކަނބަލުންނާއި ފިރިހެން ދެބޭފުޅުންނާއި އަންހެން ބޭފުޅެއްގެ އިތުރަށް ކާފަވިދާޅުވާ 4 ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ.
އެންޑީ އަބްދުﷲ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ