މޫސުން ގޯސްވެ 14 އަތޮޅަކަށް ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން 14 އަތޮޅަކަށް ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާވިސް އިން މިރޭ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ. އެ އިދާރާއިން މި ސަރަޙައްދަށް ނެރެފައި ވަނީ ހުދު ސަމާލެވެ.
މިރޭ 3:30 އިން ފެށިގެން ހެނދުނު 9:00 އާއި ހަމައަށް މި ސަރަޙައްދުތަކަށް ސަމާލު ނެރެފައިވާކަން ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ސަމާލުގެ ވަގުތުތަކުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެފައި ވެއެވެ.
މޫސުން ކުރިޔަށް ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ބޯކޮށްވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން އެންމެ ދެކުނުގެ އަތޮޅުތަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އެހެން ހިސާބުތަކަށް ގަޑިއަކު 06 މޭލާ 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
އެ އިދާރާއިން ވިދާޅުވީ، އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ހަމައެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ