ހުވަފެނަކީވެސް ހަގީގަތަކަށް ހެދިދާނެ އެއްޗެއްކަން ކާބޯ ވާޑޭ ދައްކުވައިދީފި: ކޯޗު ބުބިސްޓާ

ހުވަފެނަނީވެސް ހަގީގަތަކަށް ހެދިދާނެ އެއްޗެއްކަން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް މިފަހަރު ވާދަކުރަމުންދާ ކާބޯ ވާޑޭގެ ޓީމުން ދައްކުވައިދީފިކަމަށް އެޓީމުގެ ކޯޗު ބުބިސްޓާ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ގްރޫޕް އެޗްގައި އުރުގުއާއީ އާއި ބައްދަލުކޮށް 2 ލަނޑު 2 ލަނޑުން ކާބޯ ވާޑޭ އެއްވަރު ކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ.
ބުބިސްޓާ ބުނީ މިމުބާރާތުގައި ކާބޯ ވާޑޭއިން ހޯދަމުންދާ ކާމިޔާބީ ހަދިޔާ ކުރަނީ ވޯލްޑް ކަޕަށް އައުމަށް މަސައްކަތް ކޮށް ނާކާމިޔާބީ އާއި ކުރިމަތިލަމުން އަންނަ ކުދި ޤައުމުތަކަށް ކަމަށެވެ. އަދި މިނަތީޖާތައް އެފްރިކާއަށްވެސް ހަދިޔާ ކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.
ބުބިސްޓާ ހާމަކުރިގޮތުގައި ކާބޯ ވާޑޭއިން މިފަހަރު މުބާރާތުގައި ދައްކުވައިދެމުން މިދަނީ ޤައުމު ކިތަންމެ ކުޑަވެ އަދި މާލީ ދަތިތަށް ހުރިނަމަވެސް ހިތްވަރާއެކު މަސައްކޮށްފިނަމަ ބޮޑެތި މުބާރާތް ތަކުގައި ބޮޑެތި ޓީމުތަކާއި ވާދަކޮށް ނަތީޖާ ހޯދިދާނެކަން ކަމަށެވެ.
ބުބިސްޓާ ބުނީ މިގްރޫޕްގައި މިހާތަނަށް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ބޮޑު ދެޓީމާއި ކުޅެ ހޯދި ނަތީޖާ ތަކަށްފަހު ކުރިއަށް އޮތް ބުރާ ދޭތެރޭ ވިސްނުން އެއީ އެޓީމަށް ކުރުން ގޯސް ކަމަކަށް ނުވާނެ ކަމަށާއި އެހައްގު މިދެ ނަތީޖާއިން މިޓީމު ހޯދައިފި ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
މިއީ ހާސިލް ކުރަން ފަސޭހަ ކަމަކަށް ނުވާނެކަން އެނގޭ ކަމަށާއި ނަމަވެސް އެކަމަށްވެސް މަސައްކަތް ކުރާނެކަމަށް ބުބިސްޓާ ނުންޏެވެ. އަދި ކުޅުންތެރިންވެސް ތިބީ އެއުންމީދާއެކު އެކަމަށް ކުރިމަތިލުމަށް ތައްޔާރަށް ކަމަށެވެ.
މިމުބާރާތުގައި ވާދަކުރާ ކާބޯ ވާޑޭގެ ޓީމު މަސައްކަތް ކުރަމުން މިދަނީ ދުނިޔޭގެ ކުރިމައްޗަށް އެފްރިކާގެ މިކުޑަ ޤައުމު ގެނައުމަށް ކަމަށާއި އޭގެ ތެރޭގައި ފުޓްބޯޅައިގެ އިތުރުން އެޤައުމުގެ ސަގާފަތާއި ކެއުން ބުއިމާއި މިޔުޒިކް ހިމެނޭ ކަމަށްވެސް ބުބިސްޓާ ފާހަގަ ކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އުރުގުއާއީގެ ކޯޗު މާސެލޯ ބިއެލްސާ ބުނީ މިމެޗުގައި ނިކުން ނަތީޖާ އާއި މެދު ހައިރާން ނުވާ ކަމަށާއި މިކަން ސައުދީ އަރަބިއާ އާއި ވާކުރި މެޗުގައި ނިކުން ނަތީޖާއިން އެނގިގެންދިޔަ ކަމަށެވެ.
ބިއެލްސާ ބުނީ އުރުގުއާއީ އަކީ ކާބޯ ވާޑޭއަށް ވުރެ މޮޅު ޓީމެއް ކަމަށް ގަބޫލް ކުރާ ކަމަށާއި ނަމަވެސް އެކަން ކުޅުމުން ދައްކަންވެސް ޖެހޭ ކަމަށެވެ. އަދި ސައުދީ އަރަބިއާ އާއި ކާބޯ ވާޑޭ އާއި ދެކޮޅަށް މިކުޅުނު ދެމެޗަކީވެސް އުރުގުއާއީ އިން ކާމިޔާބު ކުރެވެން ޖެހޭނެ ދެމެޗު ކަމަށެވެ. އަދި ލިބެން ޖެހޭ 6 ޕޮއިންޓްގެ ތެރެއިން ދެ ޕޮއިންޓް ލިބުމުގެ ޒިންމާ އޭނާ ނަގާއިރު ކުރިއަށް އޮތް މެޗު ކާމިޔާބު ކުރުމަށްޓަކައި ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށްވެސް ބިއެލްސާ ހާމަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ