ތިންލައްކަ ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ފުލުހުންގެ ހިންގި ތަފާތު ހަތަރު އޮޕަރޭޝަނެއްގައި ހިމެނޭ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.
އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި މ. ސިލްވަމައުންޓް ގެއިން އެއްލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވަނިކޮށް އެތަކެތި ފުލުހުން ވަނީ ހޯދާފަ އެވެ. މިތަކެތި ހޯދާފައިވަނީ މި މައްސަލަ ހުށަހެޅުނު ދުވަހު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުން ދިރިއުޅެމުންދާ ގެ ބަލައި ފާސްކޮށް އެގޭ ތެރެއިން ކަމަށް ބުނެ އެވެ. މި ގެއިން ފެނުނު ތަކެތީގެ ތެރޭގައި މެކްބުކް ޕްރޯ ދެ ލެޕްޓޮޕާއި، އައިފޯނާއި، ޕީއެސް 3 އާއި ގިޓަ އަކާއި، އައިޕޮޑާއި، ފޯޓަބަލް ސްޕީކަރު ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތުހުމަތުގައި 32 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގެ އިތުރުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ފިނިއާގެ ހަތަރުވަނަ ފަންގިފިލާއިން ހަތަރު ލައްކަ ރުފިޔާ އާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެއްލިފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ކުރަމުންދިޔަ މަސައްކަތުން ދެ ދުވަހުގެ ތެރޭގައި އެތަކެތި ހޯދާ ވެރިފަރާތާ ހަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހޯދި ތަކެތީގެ ތެރޭގައި ހިމެނެނީ ސެމްސަންގް ގެލެކްސީ ނޯޓް 3 އާއި، ފިނިއާގެއިން ވަގަށް ނަގާފައިވާ ފައިސާއިން ގަނެފައިވާ ފޯނުތަކެއް ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މި ދެމީހުންގެ ތެރޭގައި ހިމެނެނީ 24 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ސަންގްރޭޒްގެ ދެވަނަ ފަންގިފިލާއިން ވައްކަންކޮށް 105،000 ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގުމުން އެތަކެތި ވެސް ހޯދާފައިވާ ކަަމަށް ފުލުހުން ބުނެ އެވެ. ފުލުހުން މިތަކެތި ހޯދާފައިވަނީ މި މައްސަލަ ހުށަހެޅުނު ދުވަހު މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހާ ގެންގުޅުނު ދަބަހެއްގެ ތެރެއިންނެވެ. މި މީހާ ފުލުހުން ހައްޔަރުކުރީ މާލޭގެ ގެއެއްގެ ސިޑި ގޮޅިއެއްގެ ދަށުގައި އިންދާ ކަމަަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން މެއި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ނެޕަލްލީފް ދެވަނަ ފަންގިފިލާގައި ހުންނަ އައިއެޗްކިއު ކޯޗިން ސެންޓަރުން ގިނަ އަދަދެއްގެ ފައިސާއާއި 43،137 ރުފިޔާގެ އަގުހުރި ހަތަރު ސީޕީޔޫ ވަގަށް ނެގިތާ މާގިނައިރު ނުވަނީސް އެތަކެތި ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އެ ސެންޓަރުން ވަގަށް ނަގާފައިވާ ސީޕީޔޫތައް ފެނިފައިވަނީ ކުށުގެ ވެށިން މާލޭގެ ގެއެއްގެ ކައިރިން ކަމަށް ފުލުހުން ބުނެ އެވެ.
ވައްކަމުގެ މައްސަލަތައް ކޮންމެވެސް ވަރަކަށް މަދުވުމަށްފަހު އަނެއްކާ ވެސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާތީ އެކަން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު އެދިވަޑައިގަތުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ ހާއްސަ ފިޔަވަަޅުތަކެއް އަޅަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ