ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވުމުގެ ގޮތުން މާދަމާ އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ މާދަމާ ކެންޑިޑެސީ ހުށަހަޅުއްވަން ނިންމަވާފައި ވީނަމަވެސް ރަސްމީކޮށް ކެމްޕޭން ފައްޓާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށެވެ. އަދި ކެމްޕޭން ރަސްމީކޮށް ފަށާނެ ތާރީހެއް "ޖުމްހޫރީ ގުޅުމުގެ" ޕާޓީތަކާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހު ވަރަށް އަވަހަށް ނިންމަވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސޯޝަލް މީޑިއާގައި އެ މަނިކުފާނާއި މެދު އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއްގެ ހުކުމް ގާއިމް ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި އެ ވާހަކަ ތަކަކީ މީގެ ކުރިން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށްވެސް ބައެއް ފަރާތްތަކުން ފަތުރާފައިވާ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
"އެއީ ވަރަށް ދޮގު ވާހަކައެއް އިނގޭތޯ. ބޮޑު ދޮގެއް އެއީ. މިދިޔަ ފަހަރުވެސް 2008 ގައި އަޅުގަނޑު ރިޔާސީ އިންތިހާބަށް ނިކުމެގެން ރައީސް ކަމަށް ވާދަ ކޮށްގެން ނިކުތް އިރުވެސް ތިވާހަކައެއް ދައްކާ އުޅުނު. ނަމަވެސް އެއީ ދޮގު ވާހަކައެއް،" ގާސިމް ވިދާޅުވިއެވެ.
އަދި ވަރަށް އަވަހަށް މެނިފެސްޓޯ ހާމަ ކުރައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން ޖުމްހޫރީ ގުޅުމާ ގުޅިފައިވާ ޕާޓީތަކުން ހުށަހަޅުއްވާ އިސްލާހު ތަކާއި އެކު މެނިފެސްޓޯގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް އާއި ރަނިންމޭޓު ޑރ. ހަސަން ސައީދު ގެންދަވަނީ ޖަލްސާ ތަކުގައި އެކި ސިޔާސަތުތައް ހާމަ ކުރައްވަމުންނެވެ.
ޑރ. ހަސަން ވިދާޅުވީ އެ މަނިކުފާނު ގާސިމްގެ ރަނިންމޭޓުކަން ގަބޫލު ކުރެއްވީ އެއްވެސް ޝަރުތެއް ކޮށްފައި ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީ ނަގަހައްޓާނެ ކަމަށާއި އެގޮތުން ރައީސުލްޖުމްހޫރިއްޔާ ނެތް ހާލަތެއްގައި ރައީސް ކަމަށް ހަވާލުވާން ގާނޫނު އަސާސީގައި އޮންނަ ކަމަށްވެސް ޑރ. ހަސަން ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ޖުމްހޫރީ ގުޅުމަށް ވަނީ މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހަންމަދާއި، ނޭޝަނަލް އިންޑަސްޓްރިއަލް އެލަޔަންސް ގުޅިފައެވެ. އެ ދެ ފަރާތުންވެސް ބުނީ ގާސިމާއި އެކު ކޯލިޝަން ހަދަން ނިންމީ ގައުމު ތަރައްގީ ކުރެވޭނެ ލީޑަރަކީ ގާސިމް ކަމަށް ވުމުން ކަމަށެވެ.
ރައީސްކަމަށް ވާދަކުރަން މާދަމާ ހުށަހަޅާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ