ފާރިސްއަށް ވެރިކަން ހޯދަައިދޭކަށް މަސައްކަތެއް ނުކުރަން: މައުމޫނު

ދަރިކަލުން ފާރިސް މައުމޫނަށް ވެރިކަން ހޯދައިދޭން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމު ވިދާޅުވެއްޖެ އެވެ. އާއިލާ ބޭފުޅެއްގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު މިރޭ މާލެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން މައުމޫނު ވިދާޅުވީ، "މިކުރަނީ ގައުމީ މަސައްކަތެއް" ކަމަށެވެ. މިހާރު އެމަނިކުފާނު ކުރައްވާ މަސައްކަތަކީ އެއްވެސް މީހަކާ އެއްކޮޅަށް އަދި އެއްވެސް މީހަކާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅެއް ނޫން ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު މަސައްކަތް ޕުޅުކުރައްވަނީ ދަރިކަލުން ފާރިސް މައުމޫނަށް ރާއްޖޭގެ ވެރިކަން ހޯދައިދިނުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އެކަމާ ގުޅިގެން މިރޭ ނޫސްވެރިއަކު ސުވާލު ކުރުމުން މައުމޫނު ވިދާޅުވީ، " އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް" ކަމަށެވެ. ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު ރައީސް މައުމޫން މިރޭ މާލެ ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި -- ސަން ފޮޓޯ: ފާޔާޒް މޫސާ ސިޔާސީ ފަރާތްތަކުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމާއި ހައްޔަރު ކުރުންފަދަ ކަންކަން ހިނގާ ކަމަށާއި އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ވިސްނަންތޯ ނޫސްވެރިން ސުވާލު ކުރުމުން މައުމޫނު ވިދާޅުވީ އެފަދަ ކަމެއް ހިނގާފާނެ ކަމަށް ހީނުވާ ކަމަށެވެ. " އަޅުގަނޑު ބަންދުވާ ކަހަލަ ކަމެއް ނުވަތަ މުއައްސަސާއަކުން އަޅުގަނޑާ ދެކޮޅަށް ނަންގަވާނެ ކަމެއް އޮތްކަމަށް އަޅުގަނޑު ނުދެކެން. ހަމަގައިމުވެސް އަޅުގަނޑަށް އެނގިގެން ގާނޫނާ ގަވާއިދާ ހިލާފަށް ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް މައުމޫނު ވިދާޅުވި އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ނާކާމިޔާބުވި ވުމާ ބެހޭގޮތުން މައުމޫނު ވިދާޅުވީ ބަޔަކު ޕީޕީއެމްއޭ ކިޔައިގެން އުޅުނަސް ދިވެހި ރައްޔިތުން އެކަން ގަބޫލުނުކުރާކަން ލޯކަލް ކައުންސިލް އިންތިހާބުން ހާމަވެގެން ހިނގައްޖެ ކަމަށެވެ. މައުމޫނު ވިދާޅުވީ ޕީޕީއެމަކީ އެމަނިކުފާނު އުފެއްދި ޕާޓީއެއް ކަމަށާއި ވަކި ބަޔަކު ޕީޕީއެމޭ ކިޔައިގެން އުޅުނަސް ޕީޕީއެމަކަށް ނުވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސްއަކީ އަދިވެސް އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ. ގަތަރާ ގުޅުން ކަނޑާލުމަކީ ހިތާމަހުރި ކަމެއް ކަމަށް ރައީސް މައުމޫނު މިރޭވެސް ވަނީ ފާހަގަކުރައްވައިފައެވެ. ގަތަރާއެކު ގުޅުންތައް ފެށިގެން ދިޔައީ އެމަނިކުފާނުގެ ރައީސް ކަމުގައި ކަން ފާހަގަކުރައްވައި މައުމޫނު ވިދާޅުވީ މިހާތަނަށް އައިއިރުވެސް ރާއްޖެއާ ގަތަރާ އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި އޭޝިއާ ސަރަހައްދުގެ އިސްލާމީ ބޮޑެތި ގައުމުތައް ކަމަށްވާ ޕާކިސްތާން އިންޑޮނޭޝިއާ ބަންގްލަދޭޝް ފަދަ ގައުމުތަކުން ގަތަރާ ގުޅުން ކަނޑާނުލާއިރު ރާއްޖޭން ގަތަރާ ގުޅުން ކަނޑާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މައުމޫނު ވިދާޅުވި އެވެ. މިހާރުގެ ސިޔާސީ މަޝްރަހު ހުރިގޮތް އެނގުނު ނަމަވެސް ދެން ކުރަންވީ މަސައްކަތްތައް އެނގޭނީ މަޝްވަރާތަކަށްފަހު ކަމަށް މައުމޫނު ވިދާވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އަދި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ