މައުމޫން، މާފުށީ ޖަލުން ދޫނިދު އަށް ބަދަލުކޮށްފި

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދު އަށް މިއަދު ބަދަލުކޮށްފި އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެ، ގެއަށް ބަދަލު ނުކޮށްގެން އާއިލާ އާއި ވަކީލުން ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް، ކަރެކްޝަނަލް ސާވިސް އިން މިއަދު ނިންމީ، ފުލުހުންގެ ބެލުމުގެ ދަށުން މައުމޫން ދޫނިދޫގައި ބަހައްޓާށެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައުމޫން ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކުރީ "ޚާއްސަ ހާލަތެއް މެދުވެރިވެގެން" ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.
މި ބަލީގައި އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވުމުން، މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލަށް ޑޮކްޓަރަކު ގެންގޮސްގެން ވެސް ފަރުވާ ދިނެވެ. މައުމޫނަށް އެކަށީގެންވާ ފަރުވާ ޖަލުގައި ނުދެވޭނެތީވެ، ޑޮކްޓަރު ލަފާ ދެއްވީ ގެއަށް ބަދަލުކުރާށެވެ. އެކަމަކު ކަރެކްޝަންސުން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް ބުނެ ވަކީލުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
"ވަރަށް ދަތި ހާލުކޮޅުގައި ރައީސް މައުމޫން ހުންނެވީ. އިސްތަށިފުޅު ގުޑުވުން ވެސް މަނާ. އޮށޯވެ އޮންނަވާއިރު ވެސް ވަކި ފަޅިއަކަށް އޮންނަވަން ޖެހިވަޑައިގެންފައި ވަނީ،" ވަކީލް މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މައުމޫންގެ ހާލުކޮޅުގެ ތަފްސީލު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަނެއްކާވެސް ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު ހައްލެއް ނުލިބި ލަސްވުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ.
މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ