ރާއްޖޭގެ ސުޕްރީމް ކޯޓުން އޭއޭސީސީއީއައިގައި ބައިވެރިވެއްޖެ
އެސޯސިއޭޝަން އޮފް އޭޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓްސް އެންޑް އީކުއިވެލަންޓް އިންސްޓިޓިއުޝަންސް (އޭއޭސީސީއީއައި) ގެ ދައުވަތު ގަބޫލުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ އެސޯޝިއޭޝަންގައި ބައިވެރިވެއްޖެއެވެ. އޭސީސީއީއަގެއި މެންބަރުކަން އެ އެސޯސިއޭޝަންގެ ފަރާތުން ބަލައިގެންފައިވަނީ "އިންޑޮނީޝިއަން ކޮންސްޓިޓިއުޝަނަލް ކޯޓު އިންޓަނޭޝަނަލް ސިންޕޯޒިއަމް 2019"ގެ ތެރެއިން މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެ ނިންމުން ނިންމީ އެ އެސޯސިއޭޝަންގެ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާއެކުއެވެ. ސުޕްރީމް ކޯޓުގެ ފަރާތުން އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަހުމަދު އަބްދުﷲ ދީދީގެ ބަދަލުގައި ހެޑް އޮފް ޑެލިގޭޝަން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވަނީ އެ ސިމްޕޯޒިއަމްގައި ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގައި ދުސްތޫރީ މައްސަލަތައް ބެލުމުގައާއި، ވަކިން ހާއްސަކޮށް އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމުގައާއި ނެގެހެއްޓުމުގައި އޭއޭސީސީއީއައިގެ މެންބަރު ޤައުމުތަކުގެ ތަޖުރިބާތަކަކީ ދިވެހިރާއްޖެއިން ފިލާވަޅު ލިބިގަނެވޭނެ އަދި ރާއްޖެއަށް ފައިދާކުރާނެ ތަޖުރިބާތަކެއް ކަމަށެވެ. އިއްޔެ އަޒްމިރަލްދާ ވަނީ "ކޮންސްޓިޓިއުޝަނަލް ކޯޓް އެންޑް ދަ ޕްރޮޓެކްޝަން އޮފް ސޯޝަލް އެންޑް އިކޮނޮމިކް ރައިޓްސް" އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ދުސްތޫރުގައި އިޖްތިމާއީ އަދި އިގްތިސާދީ ހައްގުތައް ތަރުތީބުވެގެންވާ ގޮތާއި، އެ ހައްގުތައް މާނަކުރުމުގެ އުސޫލުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ. އިންޑޮނީޝިޔާގެ ބާލީގައި ކުރިއަށްދާ އެ ސިމްޕޯޒިއަމް އަކީ މި މަހުގެ ތިނަކުން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސިމްޕޯޒިއަމް އެކެވެ. އެ ސިމްޕޯޒިއަމްގައި ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ފަނޑިޔާރު އާއިޝާ ޝުޖޫން އާއި އެސިސްޓެންޓް ލީގަލް އޮފިސަރ މަރްޔަމް ރައުހާ އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ހައްވާ މުހައްމަދު ވަހީދު އަދި ކޯޓު މާސްޓަރ އަހުމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ