އީސީގެ މެމްބަރު ކަމަށް ހަސަން އައްޔަންކުރަން މަޖިލިހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ހަސަންގެ ނަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ. އެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަން ކުރައްވަން ނިންމަވައި އޭނާގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާ ބޭހޭ ކޮމިޓީން މި މައްސަލަ ދިރާސާކޮށް، އެ ކޮމިޓީންވެސް ނިންމާފައި އޮތީ ހަސަން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.
ކޮމިޝަންގެ ތަރުޖަމާނެއްގެ ގޮތުގައި ވެސް ހުންނެވި އީސީގެ އެސްޖީގެ މަގާމަށް ހަސަން ހަމަޖެއްސީ 18 ޖޫން 2021 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ