2023 ގެއްލުނީ ސޯލިހުގެ މަގުބޫލުކަން ކުޑަވީމަ: ނަޝީދު

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނަކާމިޔާބުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސް ނަޝީދުގެ ނުރަސްމީ "އެކްސް" އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ 2023 އެމްޑީޕީއަށް ނާކާމިޔާބުވީ އެންމެ ބޮޑު ސަބަބަކީ ސޯލިހަށް އޮތް މަގުބޫލުކަން ކުޑަވުން ކަމަށް ވިދާޅުވެފަ އެވެ.ރ. ދުވާފަރަށް ކުރެއްވި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ދަތުރުގައި އާންމު މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައިވެސް ނަޝީދުވަނީ ރައީސް ސޯލިހުގެ ކިބައިގައި އިންތިހާބު ކާމިޔާބުކުރެވޭ މިންވަރު ނެތް ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ފާޑުވިދާޅުވެފަ އެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން އެމްޑީޕީގައި އޭރު ދެ ފެކްޝަނެއް އުފެދުނެވެ. އަދި 2023 ގެ އިންތިހާބާ ދިމާކޮށް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ތުހުމަތުތައް އެޅުވި އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ބޭއްވި ޕާޓީގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވުމާ ގުޅިގެން އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ