އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި އެވެ. 
މި އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިޔައީ މެންދުރު 14:30 އިން ރޭގަނޑު 09:00 ޖެހުމާ އަށެވެ. މޫސުން ގޯސްވުމުގެ ސަބަބުން އިންތިހާބުގެ ވޯޓުލުން 30 މިނެޓަށް އިތުރުކުރި އެވެ. 
މި އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވާދަކުރައްވާއިރު، އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށެވެ. 
އިންތިހާބުގައި 241 ވޯޓު މަރުކަޒު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖެއިން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ސްރީ ލަންކާގައި އެކަންޏެވެ. 
އެމްޑީޕީއަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ފިޔަވައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ ހަ ވަނަ އިންތިހާބެވެ. 
މީގެ ކުރިން ޗެއާޕާސަންގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ނަޝީދާއި މާރިޔާ އަހުމަދު ދީދީ އާއި ރީކޯ މޫސާ މަނިކާއި އަލީ ވަހީދާއި ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ. ނަޝީދަކީ ޕާޓީގެ ފުރަތަމަ ޗެއާޕާސަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ