އެމްޑީޕީގެ މެންބަރުން ބޮޑުބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފައިވާކަން ފާހަގަކުރައްވާ މިހާތަނަށް ލިބުނު ނަތީޖާތަކުން ޗެއާޕާސަން އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެކްސް ގައި ވިދާޅުވީ ޗެއާޕާސަން އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވުމަކީ އޭނާ އާއި ނަޝީދު ޕާޓީގެ އާންމު މެންބަރުންނަށް ހުށަހެޅި "ބޮޑު ބަދަލު" ރާއްޖެއަށް ގެނައުމަށް ތައްޔާރުކަން ސާބިތުކޮށްދިން ކަމެއް ކަމަށާއި އެއާއެކު އެކަން މިއަދު ފެށިގެންދިޔައީ ކަމަށެވެ.
"އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު "ބޮޑު ބަދަލު" މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މިދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.
ނަޝީދާއި ފައްޔާޒްގެ ފަރާތުން ހުށަހެޅި އެންމެ ބޮޑު ބަދަލަކީ ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމެވެ. އެބޭފުޅުން ވިދާޅުވީ އެއީ ރިޔާސީ އަދި ބަރުލަމާނީ ނިޒާމެއް ވެސް ނޫން ކަމަށާއި އެއީ ރާއްޖެއަށް ފައްކާކޮށްފައިވާ މުޅިން އާ ގޮތްތަކެއް ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް "ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް އިސްމާއިލް ވަނީ އާ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމުގެ މައިގަނޑު ބަދަލަކީ ސަރުކާރު ހިންގާ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށް، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލަރުންގެ ވޯޓުން އިންތިޚާބުކުރާ ގޮތަށް ނިޒާމު މަސްހުނި ކުރުމެވެ.
އިންތިހާބުގައި ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި އޭނާގެ ކެމްޕެއިން ޓީމު ދެއްކި ހިތްވަރަށް ސާބަސް ދެއްވައި ފައްޔާޒް ވިދާޅުވީ ދެން އޮތީ އެންމެން އެކުގައި ގޮސް ސަރުކާރު ބަލިކުރުން ކަމަށެވެ. އެގޮތުން ބަދަހި ސަފުތަކާއެކު ނުކުމެ އެ މަސައްކަތް ކާމިޔާބުކުރާނެ ކަމަށް އެނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ ލިބުނު ކުޑަ ދުވަސްކޮޅު ތެރޭގައި މުޅި ރާއްޖެގައި ރީނދޫ ލަޝްކަރު ރުކުރުވާލެވިފައި އޮތް މަންޒަރު ފެނުމަކީ ބޮޑު އުފަލެއް ކަމަށެވެ. އޭނާ ވަނީ ނަޝީދުގެ ކެމްޕެއިނުގައި ބުރަކޮށް މަސައްކަތް ކުރެއްވި ކެމްޕެއިން ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.
މިހާތަނަށް 115 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 6,652 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 2,891 ވޯޓެވެ. އެހެންކަމުން މިހާރު ވެސް 3,761 ވޯޓު ކުރިން އުޅެނީ ނަޝީދެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަކީ އެ ޕާޓީގެ އެންމެ ބާރުގަދަ މަގާމެވެ. މީގެކުރިން ވެސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވާފަ އެވެ.
އެމްޑީޕީގެ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ