އަޅުގަނޑުމެންގެ ތެރޭގައި ޖެހުނު މައްސަލަ ފަހަތަށް ދޫކޮށްލަން އެމްޑީޕީގެ މެމްބަރުން ބުނެފި: ފައްޔާޒު

އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް ނަޝީދާ ދެމެދު އުފެއްދުނު މައްސަލަ ފަހަތަށް ދޫކޮށްލަން އެމްޑީޕީގެ މެމްބަރުން ބުނެފި ކަމަށާއި އެއީ ލިބިވަޑައިގެންނެވި އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ތަފާތު ބޮޑުކޮށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ނަޝީދުގެ ސަޕޯޓަރުން މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން ”ސަންގުން“ ސުވާލުކުރުމުން ފައްޔާޒު ވިދާޅުވީ، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕާޓީގެ ތެރޭގައި 2023 ވަނަ އަހަރު ޖެހުނު މައްސަލަ ނިމުނުކަން ސާފުވުމުން ކަމަށެވެ. އަދި އެކަން ދޫކޮށްލަން އެމްޑީޕީގެ މެމްބަރުން ބުނެފި ކަމަށް ވިދާޅުވިއެވެ.
”އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ އަޅުގަނޑުމެންގެ ތެރޭގައި ޖެހުނު މައްސަލަ، 2023 ގައި، އެކަން ނިމުނީކަން ވަރަށް ސާފުވެއްޖެ. އެމްޑީޕީގެ މެމްބަރުން ބުނެފި އެކަން ފަހަތަށް ދޫކޮށްލާށޭ. ކުރިއަށް ބާރަށް ވަރުގަދަ ލީޑާޝިޕަކާ އެއްކޮށް ކުރިއަށް ގޮސް މި ގައުމު ސަލާމަތްކޮށްދޭށޭ. އެއީ އަޅުގަނޑަށް ލިބުނު މެސެޖަކީ،“
”ސަންގު“އާ ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ، މިއީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެންމެން އެކީގައި ޕާޓީއާއެކު ވަރަށް ބާރަށް ކުރިއަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކުގައި މަސައްކަތް ކުރައްވަން ވާދަވެރި ކެންޑިޑޭޓު މީކާއިލް ނަސީމް ވެސް ހުންނެވި ތައްޔާރަށް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެކަމާ ގުޅިގެން މެސެޖެއް ކުރެއްވިކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނަށް ވޯޓު ދެއްވި އެންމެނަށް ޝުކުރު އަދާކުރައްވަމުން ވިދާޅުވީ، އެ އެންމެން ވެސް ކުރެއްވީ، އެމްޑީޕީ އަލުން އަނބުރާ ދިރުވުމަށް ކުރެއްވި މަސައްކަތެއް ކަމަށެވެ.
”އެބޭފުޅުން ވަރަށް ބުރަ މަސައްކަތްކޮށްގެން އެ ބޭފުޅުން މި ޕާޓީ އަލުން އަނބުރާ ދިރިވުމަށް އެ ބޭފުޅުން ކުރި މަސައްކަތެއް މިއ،ީ“ ނަޝީދު ވިދާޅުވިއެވެ.
އޭގެ އިތުރުން، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ”ސަންގަށް“ ވިދާޅުވީ، އެމްޑީޕީ ބަނޑު ދެމިލާފައި އޮންނަތާ ދެ އަހަރު ވެއްޖެ ކަމަށެވެ. ރައީސް މުއިއްޒުގެ ސަރުކާރުން އެއްވެސް ކަމެއް ރަނގަޅަށް ނުކުރާ ކަމަށާއި މިއީ ރާއްޖެއަށް ޒިންމާދާރު އޮޕޮޒިޝަނެއް ވަރަށް ބޮޑަށް ބޭނުންވެފައިވާ ވަގުތެއއް ކަމަށެވެ. މާރިޔާ ވިދާޅުވީ މި ބޮޑު ކާމިޔާބީއާއެކު 2028ގެ ރިޔާސީ އިންތިހާބު ވެސް ގާތްގަނޑަަކަށް ކާމިޔާބުވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ