ސީދާ ހަރަކާތަށް ނުކުމެ، ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެގެން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި މީހުންގެ ދިފާއުގައި އެ ތަންތަނުގެ މައި އޮފީސްތައް ހިފާނެ ކަމުގެ އިންޒާރު ނަޝީދު މިރޭ ދެއްވައިފި އެވެ.
ވީކިހިނެއް؟ - ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާ ވާދަކުރައްވައި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު މިއަދު ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް %68 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ސަޕޯޓަރުން ވަނީ އާޓިފިޝަލް ބީޗަށް އެއްވެފަ އެވެ.
ބުނީ ކީކޭ؟ - އާޓިފިޝަލް ބީޗަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ތަނަވަސްކަމާއި މިނިވަންކަމުގެ ހައްގުގައި އެމްޑީޕީގެ އާންމު މެންބަރުން އަބަދު ވެސް ތެދުވާނެ ކަމަށެވެ.
"ސަރުކާރުން އެއްވެސް މީހަކާ ދޭތެރޭގައި ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާތި. އަޅުގަނޑުމެން ތިބޭނީ ގަދަފަދަކޮށް، ސީދާ ހަރަކާތަށް ނުކުންނަން ތައްޔާރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
މާދަމާ އެއިން ކަމެއް ރަނގަޅު ނުކޮށްފި ނަމަ ސީދާ ހަރަކާތަށް ނުކުމެ، މާލޭގައި ހުރި ސަރުކާރު ކުންފުނިތަކުގެ މައި އޮފީސްތައް ހިފާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މާދަމާ މި ކަންކަން ރަނގަޅު ކުރަންވީ. ނޫން ނަމަ، އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން ތި ހުރިހާ ކުންފުންޏެއް، މާލޭގައި މި ހުރި، އެ ތަންތަނުގެ ހެޑް އޮފީސްތައް އޮކިއުޕައި ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީއާއާ އެކު، ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަލުން އަނބުރާ އާންމު މެންބަރުންގެ ޕާޓީއަކަށް ހަދާފައިވާ ކަމަށެވެ. އެމްޑީޕީއަކި ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށާއި ޕާޓީގެ ހުރިހާ މެންބަރުންނާ އެކު މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވަނީ އެ މަނިކުފާނާ ވާދަކުރެއްވި މީކާއިލަށް ވެސް މިރޭ ތައުރީފު ކުރައްވައިފަ އެވެ. ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވެ، މީކާއިލަކީ އެ ކަމުގެ ނަމޫނާއެއް ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.
"ސިޔާސީ ކުރިމަގަށް ބައްލަވާ ހުރިހާ ޒުވާނުން ވެސް ނުކުންނަންވީ. ބައްލަވަންވީ މީކާއިލް ނަމޫނާއެއްގެ ގޮތުގައި. އެ ދެއްކެވި ހިތްވަރަކީ އަޅުގަނޑު އަބަދު ވެސް އުފާވާނެ، ހިތްހަމަޖެހޭނެ ހިތްވަރެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ދެންމެ މީކާއިލް ވެސް ގުޅުއްވި. މީކާއިލް ވެސް ހުންނެވީ އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރެއްވުމަށް. އަޅުގަނޑު ވާނެ [ކުރީގެ] ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހަށް ވެސް ޓެކްސްޓެއް ކުރައްވާފައި. ސަރުކާރު ހުޅުވޭ އިރަށް އަޅުގަނޑުމެން އެކުގައި މަސައްކަތް ފަށާނަން."
އޭގެ އިތުރުން ނަޝީދު ވަނީ އެ މަނިކުފާނުގެ ކެމްޕެއިން ހަރަކާތުގައި އެންމެ އަރިހުން މަސައްކަތްކުރެއްވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ވޯޓު ދިން ހުރިހާ މެންބަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ