ބޮޑު ތަފާތަކުން މީކާއިލް ބަލިކޮށް، އެމްޑީޕީގެ ޗެއާޕާސަނަކަށް ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުކޮށްފި އެވެ.
މިއަދުގެ އިންތިހާބުގައި ޖުމްލަ 241 ފޮށި ބަހައްޓާފައި ވާއިރު، ރާއްޖޭގައި 240 ފޮށި އަދި ސްރީ ލަންކާގައި ފޮއްޓެއް ބަހައްޓާފައިވެ އެވެ. މި އިންތިހާބުގައި ޖުމްލަ 48،912 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވެ އުފެދުނު ހިޔާލު ތަފާތުވުމުގައި ޕާޓީ ދޫކޮށް ވަޑައިގެންނެވި ބޭފުޅުން އުފެއްދެވި ޑިމޮކްރެޓްސްގައި ހުންނެވުމަށް ފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ނަޝީދު މި އިންތިހާބުގައި ވާދަކުރައްވަނީ ޒުވާން ލީޑާޝިޕެއްގެ ތަަސައްވުރާ އެކު ނުކުންނެވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް އާ އެވެ.
އެމްޑީޕީން އަދި ވަގުތީ ނަތީޖާ އިއުލާނު ނުކުރިޔަސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. އަދި މި ކާމިޔާބީ ފާހަގަކުރަން، މިރޭ އާޓިފިޝަލް ބީޗަށް އެއްވާން ވެސް އެމްޑީޕީގެ މެމްބަރުންނަށް ނަޝީދު މިހާރު ވަނީ ދައުވަތު އަރުވައިފަ އެވެ. 
މި އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައި، އެމްޑީޕީ އަނެއްކާވެސް "ވަރުގަދަ" ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.
ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ގުޅިގެންނެވެ.
އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.
އަދި ފައްޔާޒްގެ ވެރިކަމެއްގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ވަނީ ހާމަކުރައްވައިފަ އެވެ. 
އެހެން ނަމަވެސް ބަރުލަމާނީ ނިޒާމުގައި އަމަލުކުރާ ގޮތާ ހިލާފަށް، ނަޝީދާއި ފައްޔާޒްގެ ޕްރޮޕޯސަލްގައި އޮތީ ސަރުކާރުގެ ވެރިޔާ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަަށެވެ. 
އަދި ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދު ކުރައްވާނެ ކަމަށާއި އަދި ދައުލަތުގެ ވެރިއަކަށް ޝައުގުވެރިވެވަޑައިގަންނަވާކަން ނަޝީދު ވަނީ ހާމަކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ