މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީއަށް 2028 ހޯދައިދޭން ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް، ވާދަވެރި ކެންޑިޑޭޓު، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމުން އެ މަގާމު ހުސްވެފައި އޮންނަތާ ހަ މަސް ފަހުން މިއަދު ބޭއްވި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ:
އެމްޑީޕީގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ނަޝީދު
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު (ވާޑު)
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން %67އަށް ވުރެ ގިނަ ވޯޓާ އެކު ކުރި ހޯއްދަވާފައިވަނީ ނަޝީދެވެ. މީކާއިލަށް މިހާތަަނަށް ލިބިވަޑައިގެންނެވީ %32 ވޯޓެވެ. ދެން ވާދަކުރެއްވި އިބްރާހިމަށް %1 ވޯޓު ވެސް ނުލިބެ އެވެ.
ބުނީ ކީކޭ؟ - މީކާއިލް ދެންމެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން ނަޝީދަށް ފޯނުން ގުޅުއްވައި އެ މަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.
"އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވައި 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނާނަން،" މީކާއިލް ވިދާޅުވި އެވެ.
މި އިންތިހާބުގައި އޭނާގެ ކެމްޕޭން ޓީމުން ކޮށްދިން މަސައްކަތަށާއި ވޯޓުދެއްވި އެމްޑީޕީގެ މެމްބަރުންނަށް ވެސް މީކާއިލް ޝުކުރު ދެންނެވި އެވެ.
އެނގުން މުހިންމު - މިއަދު 2:30ގައި ފެށި މި އިންތިހާބުގެ ވޯޓުލުން މިރޭ 9 ޖެހުމާ ހަމައަށް ކުރިއަށްގެންދިޔަ އެވެ. މިރޭ 8:30 ހަމައަށް ވޯޓުލުން ކުރިއަށް ގެންދާ ގޮތަށް އޮތް އެ އިންތިހާބުގެ ވޯޓުގެ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް 9އަށް އިތުރުކުރީ މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލާން އައުމަށް ދަތިވުމުގެ ސަބަބުންނެވެ.
ވަރަށް ވާދަވެރި ކެމްޕޭނެއް ކުރި މި އިންތިހާބުގެ ވޯޓުލުން ވެސް ކުރިއަށްދިޔައީ ވަރަށް ވާދަވެރިކޮށެވެ. ބައެއް ވޯޓު ފޮށިތަކުގެ ކައިރީގައި ހަމަނުޖެހުން ވެސް ހިނގި އެވެ. އެގޮތުން، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވާތީ އާއި ފ. ފީއަލީ ވޯޓު ފޮށި ވޯޓުލާން ހުއްޓާ ގެންދިއުމުން އެ ދެ ރަށުގެ ވޯޓު ބާތިލުކޮށް އެހެން ދުވަހަކު ވޯޓު ނަގަން މިހާރު ވަނީ ނިންމާފަ އެވެ.
އެކަމަކު މިހާރު ހުރި ނަތީޖާތަކަށް ބަލާއިރު، މި ވޯޓު ފޮށިން މިހާރުގެ ނަތީޖާއަށް މާ ބޮޑު ބަދަލެއް ނާންނާނެވެ.
ނަޝީދަށް މީކާއިލްގެ މަރުހަބާ؛ 'އެމްޑީޕީއަށް 2028 ކާމިޔާބުކޮށްދޭން މަސައްކަތްކުރާނަން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ