އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ބޮޑު ތަފާތަކުން ކުރީގައި ނަޝީދު

މިއަދު ކުރިއަށްގެންދިޔަ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި 100އަށްވުރެ ގިނަ ވޯޓު ފޮށީގެ ނަތީޖާ މިހާރު ލިބިފައިވާއިރު، މިހާތަނަށް ގުނާފައިވާ ފޮށިތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ. 
ތަފްސީލް - މިހާތަނަށް ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި މުޅި ރާއްޖޭގައި ބަހައްޓާފައިވާ 241 ވޯޓު ފޮށީގެ ތެރެއިން 116 ފޮށީގެ ނަތީޖާ މިހާރު ވަނީ ލިބިފަ އެވެ. އެ ފޮށިތަކުން ކުރީގައި އުޅުއްވަނީ، އެ ޕާޓީގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި، ނަޝީދެވެ. އެގޮތުން މިހާތަނަށް:
ނަޝީދަށް 6،600 އަށް ވުރެ ގިނަ ވޯޓު ލިބިފައިވޭ؛ އެއީ %69
ނަޝީދާ ވާދަކުރެއްވި މީކާއިލް އަހުމަދު ނަސީމަށް މީހާތަނަށް ލިބުނީ، ގާތްގަނޑަކަށް 3،000 ވޯޓު؛ އެއީ %30
އެނގުން މުހިންމު - އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ތެރެއިން ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެން އެހެން ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ.
ނަޝީދު ވަނީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަތްކަން 2023 ވަނަ އަހަރު އިއުލާންކުރެއްވުމަށް ފަހު، ޖެނުއަރީ 2024 ތެރޭ ކްލައިމެންޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ. އެކަމަކު، މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި ރާއްޖެ ވަޑައިގެން ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި އެވެ.
މިވަގުތު ނަޝީދު ގެންދަވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކަކާ އެކު، ބޮޑު ބަދަލުގެ ނަމުގައި، ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކު ކެމްޕޭންތަކެއް ކުރައްވަމުންނެވެ. ނަޝީދު ބޭނުންފުޅުވަނީ 2028ގައި މިހާރުގެ ސަރުކާރު ބަލިކުރުމަށް ފަހު އެމްޑީޕީގެ ސަރުކާރެއްގައި ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތަށް ރައީސްއެއް ހުންނެވުމުގެ އިތުރަށް ސަރުކާރުގެ ވެރިޔަކު ވެސް ހުންނަގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލާށެވެ.
ނަޝީދު ވިދާޅުވާގޮތުގައި އެމްޑީޕީގެ ޗެއާޕާސަންކަން ބޭނުންވަނީ އެކަމަށް މަގުފަހިކުރުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެތެރޭގެ ހަމަނުޖެހުންތަކާއި އެމްޑީޕީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުންނާ ހެދި މަގާމުގައި ދެމިހުރުމަށް އުނދަގޫވެފައިވާ ކަމަށް ވިދާޅުވެ އެ މަގާމުން ފައްޔާޒު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމު ހުސްވެފައި އޮންނަތާ ހަ މަސް ދުވަސްފަހުން، މިއަދު އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން ވޯޓުލުން ކުރިއަށްގެންދިޔައީ މެންދުރު 2:30 އިން މިރޭ 9 ޖެހުމާ ހަމަޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ