ލޯންޗް އެކްސިޑެންޓްވީ ދޯންޏެއްގައި ޖެހިގެން، ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ބަލަނީ

ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗް މިއަދު އެކްސިޑެންޓް ވެފައިވަނީ ސަޕްލައި ދޯންޏެއްގައި ޖެހިގެން ކަމަށާއި އެކްސިޑެންޓަށް ފަހު ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކ. ގަލުފަޅު ކައިރިން ދަތުރު ކުރި އުޅަނދެއް އެކްސިޑެންޓް ވެފައި ވަނީ މިއަދު ހެނދުނު 06:19 އެހާކަންއިރެވެ. ފުލުހުން ބުނިގޮތުގައި އެކްސިޑެންޓް ހިނގިއިރު އެ އުޅަނދުގައި ދެ މީހަކު ތިއްބެވެ. މި ހާދިސާގައި އަނިޔާވި، ލޯންޗްގެ ކެޕްޓަން އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ފަޅުވެރިއެއް ކަމަށްވާ ބަނގްލަދޭޝް ފިރިހެނަކު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ މި ހާދިސާގެ ތަހުގީގުން ކުރި މަސައްކަތުން، ލޯންޗު ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައި ކަމަށެވެ. ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. "މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން," އޮފިޝަލް ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލަތު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ