ކުޑަކުދިން ލައްވައި މަސްތުވާތަކެތި ވިއްކި ދެ މީހަކު ހައްޔަރުކޮށްފި

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވި ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކުހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ބުނީ މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ 4 ގެއެއް ބަލައިފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމް ބްރައުން ޝުގަރ އާއި 13.01 ގްރާމް މެތަފެޓަމިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެއީ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ގއ. ވިލިނގިލި، ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޢަޠޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކުރުމަށް ހިންގުނު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ