އާޖެންޓީނާއަށް ފަސޭހަ ގޮތޭ؟ ނޫން، ފައިނަލަށް ދާން އޮތީ 'ދަތި، އުނދަގޫ' ދަތުރެއް

ވޯލްޑް ކަޕްގެ ގަދަ 32އަށް އާޖެންޓީނާ ކުރީ ފަސޭހަ ދަތުރެކޭ ބައެއް މީހުން ބުނެ އެވެ. މި ބާވަތުގެ ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި ނޮކައުޓުގައި ވެސް އާޖެންޓީނާ އޮތީ 'ފަސޭހަ ފަޅީގަ' އެވެ. އެކަމަކު އެއީ އެއްގޮތަކަށް ވެސް ތެދެއް ނޫނެވެ. މިއީ ވޯލްޑް ކަޕެވެ. މި މުބާރާތުގައި ދަށް ޓީމެއް ނުކުޅޭނެ އެވެ. އެހެންކަމުން ތި ދައްކަނީ ކޮން ފަސޭހަ ފަޅިއެއްގެ ވާހަކަ ހެއްޔެވެ؟
އެކަމަކު އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އޮތް ގްރޫޕަކުން އެއް ވަނަ ހޯދުމަށް ފަހު ފައިނަލާ ހަމައަށް ދާން އާޖެންޓީނާއަށް އޮތީ އަދި މާ އުނދަގޫ ދަތުރެކެވެ. އަންނަ ހޮނިހިރު ދުވަހަކީ އެ ބުރަ ދަތުރު ފަށާ ދުވަހެވެ. ފަހަރެއްގައި އެ ދަތުރު ހަމަ އެ ދުވަހު ނިމުން ވެސް އެކަށީގެންވެ އެވެ.
މުބާރަތުގެ ފޯމެޓަށް ގެނައި ބަދަލާ އެކު މިފަހަރު ނޮކައުޓް ބުރު ފަށާނީ ގަދަ 16ގެ ބަދަލުގައި 32 ޓީމުންނެވެ. މި ބުރުގައި އާޖެންޓީނާ ކުރިމަތިލާން ޖެހޭނީ ގްރޫޕް އެޗުގެ ދެ ވަނަ ޓީމާ އެވެ. އެއީ ކޭޕް ވާޑޭ އެވެ.
މުޅިން އަލަށް މުބާރާތަށް ކޮލިފައިވި ކޭޕް ވާޑޭ އަކީ 'ކުޑަ' ޓީމެކޭ ބުނެވޭނެ ޖާގައެއް އެއްގޮތަކަށް ވެސް ނެތެވެ. ފުޓުބޯޅައިގެ ރަން ތާރީހެއް ނެތް ނަމަވެސް މި މުބާރާތުގައި  ކޭޕް ވާޑޭއިން ދިން މެސެޖަކީ އެއީ 'ތޯތޯ' ޓީމެއް ނޫން ކަމެވެ.
ކޭޕް ވާޑޭ ގަދަ 32އަށް ގޮސްފައި އެ އޮތީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިންއަށް ވެސް މޮޅުވިޔަ ނުދީ ހިފަހައްޓާލުމަށް ފަހު އެވެ. މި މުބާރާތުގައި މެޗަކުން މޮޅު ނުވި ނަމަވެސް،  އަދި މެޗަކުން ބައްޔެއް ވެސް ނުވެ އެވެ.
ގްރޫޕު އެޗުގައި ތިބީ ސްޕެއިން، ޔުރުގުއޭ އަދި ސައުދީ އަރަބިއްޔާ އެވެ. ކޭޕް ވާޑޭ ވަނީ އެ ތިން ޓީމު ވެސް ހިފަހައްޓާފަ އެވެ. ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. މިއީ އާޖެންޓީނާއަށް ފަސޭހަ މެޗެކޭ ބުނެވޭނެ އެއްވެސް ސަބަބެއް ނެތެވެ.
މިސާލަކަށް، ކޭޕް ވާޑޭގެ މައްޗަށް އާޖެންޓީނާއަށް ކުރި ހޯދިއްޖެ ހާލަތެއްގައި ދެން ގަދަ 16ގައި ކުރިމަތިލާން ޖެހޭނީ އޮސްޓްރޭލިއާ އާއި މިސްރު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.
އެ ދެ ޓީމު ވެސް ގަދަ 16އަށް ދަތުރުކުރީ އެ ދެ ޓީމު އޮތް ގްރޫޕުގެ ދެ ވަނަ ހޯދައިގެންނެވެ. އޮސްޓްރޭލިއާ އަކީ ފުޓުބޯޅައިގެ ބަހުރުވައިން ބުނާ ނަމަ ގޯލު ކުރިމަތީގައި 'ބަސް ޕާކުކޮށްގެން' ކުޅޭ ޓީމެކެވެ. ޑިފެންސަށް ފައިބާއިރު މުޅި ޓީމު އޮތް ގޮތަށް އަމިއްލަ ޕެނަލްޓީ އޭރިއާ ތެރޭގައި އޮތުމަކީ ނުފެންނާނެ މަންޒަރެއް ނޫނެވެ. މީގެ ނަތީޖާއަކީ ގޯލު ޖަހަން އުޅުމުގެ ތެރޭގައި އަނެއް ޓީމުގެ ކުޅުންތެރިން ވަރުބަލިވުމެވެ.
ބަސް ޕާކުކޮށްގެން ކުޅުނު ޓީމެއްގެ އަތްދަށުވުމާއި އެފަދަ ސިސްޓަމަކާ ދެކޮޅަށް ކުޅެން އުނދަގޫކަމުގެ މިސާލެއް ދައްކާ ނަމަ، އިހަކަށް ރޭ ޕެރެގުއޭ އަތުން ޖަރުމަނު ކަޓައިގެންދިޔަ ގޮތް ފުދެ އެވެ.  އޮސްޓްރޭލިއާއިން ބަސް ޕާކުކޮށްފި ނަމަ، އާޖެންޓީނާއަށް ވެސް އެ ހިތްދަތިކަން ކުރިމަތިވުމުގެ ފުރުސަތު ވަރަށް ގާތެވެ.
ދެން އޮތީ މިސްރެވެ. މިސްރު ވެސް މި ހިސާބަށް އައިސް އެ އޮތީ ގްރޫޕު ސްޓޭޖުގެ މެޗަކުން ބަލިނުވެ އެވެ. މިސްރަކީ ކައުންޓާ އެޓޭކުގައި ހަލުވި ޓީމެކެވެ. އާޖެންޓީނާއިން މާ ބޮޑަށް އެޓޭކަށް ނުކުމެ، ނަތީޖާ ނުނެރެވިއްޖެ ނަމަ މިސްރުން އެކަމުގެ އަދަބު ދޭނެ އެވެ. މިސްރުގެ ކައުންޓާ އެޓޭކުތަކުގެ މުގުލުގައި ހުރީ އިތުރު ތައާާރަފެއް ބޭނުންނުވާ، މުހައްމަދު ސަލާހު އެވެ.
އާޖެންޓީނާއަށް ކޮންމެވެސް ގޮތަކުން މިހިސާބަށް އާދެވިއްޖެ ނަމަ، ދެން އޮތީ ނޭވާ ހިފަހައްޓާލުމެވެ. މިހާރު އޮތް ގޮތުން އާޖެންޓީނާއިން ކުއާޓާގައި ވާދަކުރަން ޖެހޭނީ ސުވިޓްޒަލެންޑް، އަލްޖީރިއާ، ކޮލަމްބިއާ ނުވަތަ ގާނާއާ އެވެ. މިއިން އެއްވެސް ޓީމަކީ ފަސޭހަ ޓިމެއް ނޫނެވެ.
ސުވިޓްޒަލެންޑް:
ސުވިޓްޒަލެންޑުން ގްރޫޕު ބީގެ އެއް ވަނަ ނެގުމުގެ ފަހަތުގައި އޮތީ އެ ޓީމުން މެދުތެރޭގައި ކުޅޭ ތޫނުފިލި ކުޅުމެވެ. ކުރުކޮށް ބުނާ ނަމަ، އާޖެންޓީނާގެ ލިއޮނެލް މެސީ ދެމިގަންނަން ބޭނުންކުރާ ހުސް ޖާގަތައް ސުވިޓްޒަލެންޑުގެ މެދުތެރޭގައި ހުންނާނީ ބައްދާލާފަ އެވެ.
އަލްޖީރިއާ:
މިއީ ގްރޫޕު ސްޓޭޖުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާ އަތުން 3-0އިން ބަލިވި ޓީމެކެވެ. އެކަމަކު ފުރަތަމަ މެޗުން ގޮތް ނިންމާކަށް ނުވާނެ އެވެ. އެ މެޗުގެ ނަތީޖާ އަލްޖީރިއާއިން ގަބޫލެއް ވެސް ނުކުރެ އެވެ. މެސީ، އޭނާގެ ބޫޓުގެ އުންތަކުން އަލްޖީރިއާ ކުޅުންތެރިއެއްގެ ފައިގައި 'ފިރުމާލި' މައްސަލަ އާއި ރެފްރީ އެކަން އަޅާނުލާ ދޫކޮށްލުން ފަދަ ކަންކަން ހިމެނޭ ގޮތަށް އަލްޖީރިއާއިން ވަނީ ފީފާއަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
އާޖެންޓީނާއާ ދެކޮޅަށް ދެ ވަނަ ފަހަރަށް ނުކުންނަން ޖެހިއްޖެ ނަމަ އަލްޖީރިއާ އަންނާނީ އެ ހުރިހާ ޝަކުވާތައް ހިފައިގެން، ދުރާލާ ތައްޔާރުވެގެންނެވެ. ކުޅުންތެރިންގެ ޖަޒުބާތުތައް ދަނޑު މައްޗަށް އޮއްސައިލާނެ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ގްރޫޕު ސްޓޭޖުގައި އެންމެ ފަހުން އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗު ފަހު ގަޑީގައި އެއްވަރުވާން އަލްޖީރިއާއިން ދޫކޮށްލީ، ނޮކައުޓު ބުރުގެ 'ފަސޭހަ ފަޅި' ހޯދުމަށެވެ. އެ ބުނާ ފަސޭހަ ފަޅިއަކީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލް އަދި އަބަދުވެސް ވަރުގަދަކޮށް ފެންނަ އިންގްލެންޑު ވެސް ހިމެނޭ ފަޅި އެވެ. މިކަހަލަ ވިސްނުމެއް ހުރި ޓީމެއް ފަސޭހަވާނެ ކަމަށް ބަލައިފި ނަމަ އެއީ އާޖެންޓީނާއަށް ހެދޭނެ ގޯހެކެވެ.
ކޮލަމްބިއާ:
ކޮލަމްބިއާ އަކީ އާޖެންޓީނާއަށް އާ ޓީމެއް ނޫނެވެ. ވޯލްޑް ކަޕްގެ ކޮލިފައިންގައި މި ދެ ޓީމު ވަނީ ދެ ފަހަރު ކުރިމަތިލާފަ އެވެ. އެއް މެޗު އެއްވަރުވިއިރު، އަނެއް މެޗުން މޮޅުވީ ކޮލަމްބިއާ އެވެ. ގްރޫޕު ސްޓޭޖުގައި ޕޯޗުގަލް ވެސް ހިފަހައްޓާލުމަށް ފަހު، ކޮލަމްބިއާ ގަދަ 32އަށް އައީ އެ ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ.
ގާނާ:
ގާނާގައި ތިބީ ޖާނުން ވަރުގަދަ، ބިޔަ އަދި އެހާމެ ހަލުވި ކުޅުންތެރިންނެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލިއިރު، އެ މެޗުގައި  އިންގްލެންޑުގެ ކުޅުންތެރިއަކަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކުހެން ގާނާގެ ހަތަރު ކުޅުންތެރިން ބޯޅަ އަތުލަން ވިއްދަ އެވެ. އަންނަ ދިމާ ވެސް ނޭނގޭއިރު، ފެންނަނީ އައިސް ވަށާލާފައި ތިބޭ ތަނެވެ.
ސެމީގެ ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަހެވެ. އެކަމަކު އެހިސާބަށް އާޖެންޓީނާއަށް ދެވިއްޖެ ނަމަ، ވާދަކުރަން ޖެހޭނީ ބްރެޒިލް، މެކްސިކޯ، އިންގްލެންޑު، ކޮންގޯ، ނުވަތަ ނޯވޭއާ އެވެ.
އެހެންކަމުން ފައިނަލާ ދާން އާޖެންޓީނާއަށް އޮތީ 'ދަތި، އުނދަގޫ' ރާސްތާއެކެވެ. ފަސޭހައޭ ނުބުނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ