އައްޑޫ ކަރަންޓުގެ މައްސަލައިގައި ފެނަކައިގެ ވެރިން މަޖިލީހަށް ހާޒިރުކުރުމަށް އެދި ސިޓީއެއް

ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި، އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫގު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގައި އައްޑޫގައި ފެނަކައިން ހިންގާ އިންޖީނުގެއަށް ބޭނުންވާ ސްޕެއަރ ޕާޓްސް ލިބުން ލަސްވަމުންދާ ސަބަބު ސާފުކުރުމަށް އެދިވަޑައިގެންފައިވެއެވެ.
އަޒާންގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަހަރެއްހާ ދުވަސް ވެގެން ގޮސްފައިވާއިރުވެސް، ބައެއް އިންޖީނުތަކަށް ބޭނުންވާ ސްޕެއަރ ޕާޓްސް އަދިވެސް ލިބިފައިނުވާ ކަމަށް ވިދާޅުވެފައިވެއެވެ. މި މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން ހުރި ކަމަށް އަޒާން ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީއަށް ހާޒިރުކުރުމަށް އަޒާން އެދިވަޑައިގެންފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރާއި، ކުރީގެ އަދި މިހާރުގެ ޕްރޮކިއުމަންޓް ހެޑް، ކުރީގެ އަދި މިހާރުގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ޗީފް ޓެކްނިކަލް އޮފިސަރު ހިމެނޭ ގޮތަށް 6 ބޭފުޅުންނެވެ.
މީގެ އިތުރުން، އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން އެކުލަވާލާފައިވާ ޓައިމްލައިނެއް ނުވަތަ ޕްލޭނެއް އޮތްނަމަ، އެ މަޢުލޫމާތު ވެސް ހިއްސާކުރުމަށް އަޒާން އެދިވަޑައިގެންފައިވެއެވެ.
އަޒާން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ ފެނަކަ އޮފީހުގެ ބައެއް މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހު ލިބިވަޑައިގަތް މަޢުލޫމާތުން އެނގިވަޑައިގަންނަވާ ގޮތުގައި، އައްޑޫ ފެނަކައިން ހިންގާ އިންޖީނުގޭގައި ހުރި 17 އިންޖީނުގެ ތެރެއިން މިވަގުތު މަސައްކަތްކުރަނީ އެންމެ 13 އިންޖީނެވެ. އަދި މީގެ ތެރެއިން ގިނަ އިންޖީނުތައް ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައި ކަމަށްވެސް އަޒާން ފާހަގަކުރައްވާފައިވެއެވެ.
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރާއި އައްޑޫގެ ބައެއް އެހެން ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި، މި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއަރ ޕާޓްސް 7 ދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، އެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް އައްޑޫއަށް ބޭނުންވާ ސްޕެއަރ ޕާޓްސް ފޮނުވާފައިނުވާ ކަމަށް އަޒާން ވިދާޅުވެފައިވެއެވެ. މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޒާން ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ