މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު، ހިތަދޫ އިތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި ވަޒީފާއިން ވަކިކުރުމަށްޓަކައި އޭނާ ފުރުއްވަމުން ގެންދެވި މަގާމު ސަރުކާރުން އުވާލައިފި އެވެ.
އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ޒުހައިރު މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި މީހުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ނަމަވެސް، އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މިކަން ޒުހައިރު ވެސް ކަށަވަރުކޮށް ދެއްވި އެވެ. ނަމަވެސް އޭނާ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ޒުހައިރުގެ ގާތް ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ މަގާމު އުވާލީ ސޯބެއާއެކު ފޮޓޯއެއް ނެގުމާ ގުޅިގެންނެވެ.
"އެއީ މާލޭގައި ބޭއްވި ކެމްޕޭނު އިވެންޓެއްގެ ތެރެއިން ނެގި ފޮޓޯއެއް. ސޯބެ ކައިވެނިކޮށްގެން އުޅެނީ ޒުހައިރުގެ ކޮއްކޮއަކާ،" އަދަދު ނޫހާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އޭނާ ވަޒީފާއިން ވަކިކުރެވޭނެ އިތުރު ގާނޫނީ ބަހަނާއެއް ނެތުމުން، ސަރުކާރުން ނިންމީ އޭނާ ހުންނެވި މަގާމު އެއްކޮށް އުވާލުމަށް."
ޒުހައިރަކީ އެއާ މޯލްޑިވްސްގެ ޒަމާނުން ފެށިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ދާއިރާގެ ފަންނީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.
މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރައީސް މުހައްމަދު މުއިއްޒު، ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މިއަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު އުފެއްދެވި އިދާރާއެކެވެ. މި އިދާރާ ހިނގަމުންދަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުންނެވެ.
މި ބޯޑު އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެއްގަމާއި، ކަނޑާއި، މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމެވެ. މި ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހާދިސާތައް ދިމާވާ ސަބަބުތައް ދެނެގަތުމާއި، ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާދިނުމާއި، ދާއިރާގެ ދިރާސާތައް ކުރުން ހިމެނެއެވެ.
ސޯބެއާއެކު ފޮޓޯއެއް ނެގުމުން ޓްރާންސްޕޯޓް ސޭފްޓީ ބޯޑުގެ ޑިރެކްޓަރު ވަކިކުރަން މަގާމު އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ