އިޒްރޭލުން ލުބްނާންގެ ވެރިތަށް ބައިރޫތުގެ ދެކުނު ސަރަހައްދަށް ދިން ހަަމަލާގެ ރައްދުގައި އީރާނުން އިޒްރޭލަށް އަމާޒުކޮށް ދެމުން ދިޔަ މިސައިލް ހަމަލާތައް މި ވަގުތުން ހުއްޓާލާފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.
އިޒްރޭލަށް "ވޭންދެނިވި ރައްދެއް" ދީފައިވާ ކަމަށާއި، "އެއާ އެކު، ސިފައިންގެ ހަރަކާތްތައް ހުއްޓާލާފައިވާ ކަން އިއުލާންކުރާ" ކަމަށް، އީރާނުގެ ދައުލަތުގެ ޓީވީން މެދުވެރިކޮށް ޚާތަމުލް އަންބިޔާ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"ނަމަވެސް، ދެކުނު ލުބުނާނު ހިމެނޭހެން، އަނިޔާވެރި އުދުވާނީ އަމަލުތައް ކުރިއަށްދާ ނަމަ، ކުރިއަށްވުރެ މާ ވަރުގަދަ އަދި މާ ފަނާކުރަނިވި ރައްދެއް ދޭނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަސްކަރިއްޔާއިން މި ބަޔާން ނެރެފައި ވާއިރު އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އޭޕްރީލް މަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އީރާން އަދިވެސް އޮތީ މަޝްވަރާގައި ކަމަށް ވިދާޅުވެފަ އެވެ.
"ޑިޕްލޮމަސީ އާއި ދިފާއަކީ ގައުމީ ބާރުގެ ދެ ފިޔަގަނޑު. އަހަރެމެން ހަނގުރާމައިގެ މައިދާނެއް ވެސް އަދި މަޝްވަރާގެ މޭޒެއް ވެސް ދޫކޮށެއްނުލަން،" އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިރުދެއްކުމެއްގެ އެއްވެސް އަމަލެއްގެ ކުރިމަތީގައި އީރާން "ފަހަތަކަށް ނުޖެހޭނެ" ކަމަށެވެ.
އިޒްރޭލުގެ މީޑިއާއިން ވެސް ވަނީ އީރާނަށް ހަމަލާ ދިނުން އިޒްރޭލުގެ އަސްކަރިއްޔާއިން ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެދިވަޑައިގަތުމަކަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފަހުން އިޒްރޭލަށް އީރާނުން ރޭ ފުރަތަމަ ފަހަަރަށް ހަމަލާ ދިނުމާ އެކު ވެސް ޓްރަމްޕު ވަނީ އިޒްރޭލުން ރައްދު ނުދިނުމަށާއި އީރާނާ އެކު ސުލްހައިގެ އެއްބަސްވުމެއް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމަށް އެދިވަޑައިގެންފަ އެވެ.
"އީރާނުގެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. އުންމީދަކީ އިޒްރޭލުން މިއަށް ރައްދު ހަމަލާއެއް ނުދިނުން. ބީބީ (ނަތަންޔާހޫ) އެމީހުންނަށް އަލުން ހަމަލާދީފި ނަމަ، ވޭތުވެދިޔަ 47 އަހަރު ނުވަތަ ފާއިތުވި 3,000 އަހަރު ވެސް ކަންތައް ހިނގި ގޮތަށް މިކަން ހުއްޓުމެއްނެތި ކުރިއަށްދާނީ،" އެކްސިއޯސްއިން ޓްރަމްޕު ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އޭގެ ފަހުން ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވަނީ އީރާނުން 'ފުދޭ ވަރަކަށް މިސައިލް ފޮނުވިއްޖެ' ކަމަށާއި އެހެންވެ އެ ހިސާބުން އެކަން ނިންމާލާފައި އަލުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވައިފަ އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ބައިރޫތަށް ދިން ހަމަލާއާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އީރާނުން ބުނަމުންދަނީ ލުބްނާން ވެސް ހިމެނޭ ގޮތަށް ހުރިހާ ދިމާލަކުން ހަމަލާތައް ހުއްޓާލާ ނަމަ ހަނގުރާމަ ހުއްޓާލަން އެއްބަސްވާނެ ކަމަށެވެ. އެކަމަކު އިޒްރޭލުން ހުއްޓުމެއް ނެތް ލުބްނާނަށް ހަމަލާދީ އެ ޝަރުތާ ހިލާފުވާތީ އީރާނުން ވެސް ރައްދު ދޭނެ ކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
އިޒްރޭލާ ދެކޮޅު އޮޕަރޭޝަން ހުއްޓާލައިފިން، މި ތިބީ އަދިވެސް މަޝްވަރާގައި: އީރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ