އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ނިޔާވެއްޖެ އެވެ. 
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އެ އެކްސިޑެންޓު ހިނގީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންނެވެ. 
އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ބޮޑުމަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދިޔަ ސައިކަލެއް އެ ދިމާލުން މަޑުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި ތަނެވެ. 
އެ ހާދިސާގައި ބޮޑުވަރުވީ ރަނގަޅު ފަޅިން ދުއްވި މީހާއަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ގެއްލުންތަކެއް ލިބުނުއިރު އައްޑޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ވަނީ މިއަދު ނިޔާވީ އެވެ. 
އެ ހާދިސާގައި ނިޔާވީ ހިތަދު އަށް އުފަން ރަމީޒް އަބްދުﷲ އެވެ. 
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރިޕޯޓުކުރީ މެއި 31 ގެ ރޭގަނޑު 9:30 ހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ދިވެހި ދެ ފިރިހެނުންނަށް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ