ބިދޭސީ ޓީޗަރުން ގެންނާނެ ގޮތުގެ އުސޫލެއް އާންމުކޮށްފި

ދިވެހި ޓީޗަރުން ނުލިބޭ ދާއިރާތަކަށް ބިދޭސީ ޓީޗަރުން ގެންނާނެ ގޮތުގެ އުސޫލެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން އާއްމުކޮށްފިއެވެ.
އެ އުސޫލުގައި ބުނާގޮތުން ރެކްރޫޓުމެންޓުގެ މަސައްކަތް ކުރުމަށް މަސްދުވަސް ތެރޭ ފަސް މެމްބަރުންގެ ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމެޓީއަށް މެމްބަރުން އައްޔަނުކުރަން ޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރެވެ.
މި އުސޫލުގައި ބުނާގޮތުން، ރެކްރޫޓްމަންޓްގެ މަސައްކަތްކުރާ ކޮމިޓީގައި، ސްކޫލުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ މެމްބަރުނާއި މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެމްބަރުން ހިމަނަންވާނެއެވެ.
އެހެންނަމަވެސް، މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް/ސެކްޝަންގެ މުވައްޒަފުންނާއި، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އެޖެންސީއެއްގެ ހިއްސާދާރެއް ނުވަތަ އެޖެންސީ ހިންގުމުގެ އިސް މަގާމެއް އަދާކުރާ މީހުންނެއް މި ކޮމިޓީގައި ހިމެނިގެން ނުވާނެއެވެ.
މީގެ އިތުރުން، ބިދޭސީ ޓީޗަރުން ހޮވުމަށް އައްޔަނުކުރާނެ އެޖެންސީ އައްޔަނުކުރާނެ ގޮތާއި، އެޖެންސީއެއްގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްފައިވެއެވެ. އަދި އެޖެންސީ އެއް މެދުވެރިކޮށް ބިދޭސީ ޓީޗަރުން ނުގެނެވޭ ހާލަތްތަކުގަ، ކޮމެޓީއިން ނިންމާ ގޮތެއްގެ މަތިން މިނިސްޓްރީއަށް މުވައްޒަފުން ގެނެވޭނެކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބިދޭސީ ޓީޗަރުން ގެންނާނެ ގޮތުގެ އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ