ހަޅުތާލެއްގެ ގޮތުން 15 މިނިޓަށް އިންޓަވިއުތައް ކުރުކުރަން ކުޅުންތެރިން ނިންމައިފި

ޕެރިސް (މެއި 23) - އިނާމް ފައިސާ ދިނުމުގައި ހަމަހަމަ އުސޫލެއް ނެތްކަމަށް ބުނެ، ކުރާ ހަޅުތާލެއްގެ ގޮތުން ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތެރެއިން، މީޑިއާ އަށް ދޭ ވަގުތު، 15 މިނިޓަށް ކުޑަކުރަން ގިނަ ކުޅުންތެރިން ނިންމައި، އެ އަށް އަމަލުކުރަން ފަށައިފި އެވެ. 
އެ ގޮތުން، ގިނަ ކުޅުންތެރިންތަކެއް މި ހަޅުތާލުގައި ބައިވެރިވާއިރު، އެންމެ ފުރަތަމަ ރޭވިފައި އޮތް ގޮތަށް އަމަލުކުރީ ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ، ބެލަރޫސްގެ އަރީނާ ސަބަލެންކާ އެވެ. ސަބަލެންކާ، 28، ވަނީ ހޯސްޓް ބްރޯޑްކާސްޓަރުންނަށް ފަސް މިނިޓްގެ ވީޑިއޯ އިންޓަވިއުއެއް ދިނުމަށް ފަހު، 10 މިނިޓް ތެރޭ ޕްރެސް ކޮންފަރެންސް ނިންމާލައިފަ އެވެ. އެއީ، ޖުމްލަ މިނިޓްގެ އަދަދު 15 މިނިޓަށް ވުރެން އިތުރު ނުުކުރުމުގެ ގޮތުންނެވެ. 
ފަނަރަ މިނިޓްގެ ވަގުތެއް މީޑިއާ އަށް ދޭން ނިންމި ސަބަބަކީ، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މި ވަގުތު ކުޅުންތެރިންނަށް އިނާމް ފައިސާގެ ގޮތުގައި ބަހަނީ، މި މުބާރާތުން ލިބޭ އާމްދަނީގެ 15 ޕަސެންޓް ކަމަށްވާތީ އެވެ. 
ސަބަލެންކާގެ އިތުރުން، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް މި ހަޅުތާލުގައި ބައިވެރިވެ އެވެ. އެ ގޮތުން، އިއްޔެ އޮތް ޕްރީ ޓޯނަމަންޓް މީޑިއާ ޑޭގައި، ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ، އިޓަލީގެ ޖަނިކް ސިނާ އާއި  ހަތަރު ފަހަރު ފްރެންޗް އޯޕަން އަންހެން ޑިވިޝަން ކާމިޔާބުކުރި އީގާ ސްވިއަޓެކް ވެސް ވަނީ 15 މިނިޓަށް މީޑިއާގެ ކަންކަން ކުރުކޮށްލައިފަ އެވެ. 
އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ސާބިއާގެ ލެޖެންޑަރީ ތަރި، ނޮވަކް ޖޮކޮވިޗް ވަނީ މި 15 މިނިޓްގެ ހަޅުތާލުގެ ފަހަތުގައި އޮތް ސަބަބަށް އިހުތިރާމް ކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭނާ ވަނީ އެ އަށް އަމަލުކުރުމަކީ އަދި އެހެން ކަމެއް ކަމަށް ބުނެ، 15 މިނިޓަށް ވުރެން ދިގުކޮށް މީޑިއާ އަށް ވަގުތުދީފަ އެވެ. 
ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެކަށީގެންވާ މިންގަނޑެއްގެ ތެރެއިން އިނާމް ފައިސާ ބޮޑުނުވާނަމަ، ކުޅުންތެރިން އެކުވެގެން މުބާރާތް ބޮއިކޮޓް ކުރުމަކީ މި ކަމުގައި އޮތް ހައްލެއްގެ ގޮތުގައި ވެސް މީގެ ކުރިން ސަބަލެންކާ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ