މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ވަކިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު މައާފަށް އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތީ ރ. ދުވާފަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ ރަށު އެމްޑީޕީ މެންބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި މީހަކު ކުރި ސުވާލުގައި ފާހަގަކުރީ 2023 ގައި ނަޝީދު އެމްޑީޕީއާ ވަކިވެވަޑައިގަތުމަކީ އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ދެރަވި ކަމެއް ކަމަށެވެ. އެއީ ނަޝީދަށް ހެއްދެވުނު ކުޑަ ގޯހެއް ކަމަށް ބަލައި، މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ފަހު އަލުން އެކުގައި މަސައްކަތް ކުރުމަށް އެ މީހާ އެދުނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށްލުމަކީ އެމަނިކުފާނަށް ވެސް ވަރަށް ބޮޑު ހިތާމައެއް ލިބުނު ކަމެއް ކަމަށާއި، އެމަނިކުފާނުގެ މުޅި ހަޔާތަކީ އެ ޕާޓީ ކަމަށެވެ. އަދި އެމަނިކުފާނަށް ވުރެ ބޮޑަށް އެ ޕާޓީގައި އަނިޔާ ލިބުނު އަދި ގިނަ ދުވަހު މަސައްކަތް ކުރި މީހަކު ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްލަން ބޭނުންފުޅެއް ނުވެއެވެ.
ނަމަވެސް، ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވި ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުންނަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށުމުން، އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.
"ސުވާލު ކުރީމަ އަޅުގަނޑަށް ޖެހޭނީ ޖަވާބުދޭން. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެންނަށް 65 ލިބުނީ. އެ އަހަރު ނިމުނުއިރު ރައީސް ސޯލިހު އަޅުގަނޑަކާ ދެން ވާހަކައެއް ނުދައްކާ،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަލުން ހޯއްދެވުމަށް ކުރައްވާ ކެމްޕޭނުގައި ދުވާފަރުގެ މެންބަރުނާއެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.
"ދެން އައީ ކޮވިޑް. ދެން އޭގެ ފަހުން އަޅުގަނޑު މަރާލަން ވެގެން ތިން ތަނުގައި ބޮން ބަހައްޓައިގެން އައިސް ކޮންމެވެސް އެއްތަނެއްގައި ގޮއްވާލެވުނީ . ދެން އެ ތަހުގީގުތައް ހިނގި ގޮތް.... އެންމެ ފަހުން ހަސަން ލަތީފާއި އީވާ އާއި އިލްޔާސް ލަބީބު އާއި ވައްޑެ ވަކިކުރަން [އުޅުނީ]. އޭރު އާޒިމް ވަކިކޮށްފި. ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީއަށް ލާފަ އޮތީމަ ލަދެއް އަޅުގަނޑުގެ ހުރިއްޔާ އަޅުގަނޑު ދާނެތާ އެ ހިސާބުން."
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެސް ގޯސްތަކެއް ހުރެދާނެ ކަމަށާއި، އެކަމަށްޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑުވެސް ގޯސް ކަންތައް ކުރީ. އެކަމަކު ތިބޭފުޅުން ވެސް އަޅުގަނޑަށް މައާފަށް އެދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިބޭފުޅުން ތިބޭފުޅުން އަޅުގަނޑަށް މައާފަށް އެދެން. ހަމަ އަޅުގަނޑު ވެސް އެދެފިން. އަޅުގަނޑު އެދެފިން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީގެ މެންބަރުން މައާފަށް އެދެން ޖެހޭ ސަބަބުތަކަކީ ކޮބައިކަން ފާހަގަ ނުކުރައްވަ އެވެ.
އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އެމަނިކުފާނު ޕާޓީން ވަކިވުމުން އެކަންޏެއް ނޫނެވެ. އެއީ އޭރުގެ ކެންޑިޑޭޓުގެ ފެންވަރު ހުރި މިންވަރުން ދިމާވި ކަމެއް ކަމަށް ނަޝީދު ސިފަކުރެއްވިއެވެ.
މާޒީގެ ވާހަކަތައް ކޮނުނު ވަރަކަށް ފަސް ގިނަވާނެ ކަމަށް ވިދާޅުވެ، މައާފަށް އެދިވަޑައިގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އެމްޑީޕީގެ އެއް ބާނީ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، 2023 ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ އެވެ. އެމަނިކުފާނު ޑިމޮކްރެޓްސްއާ ގުޅިވަަޑައިގަތީ ޖުލައި 13، 2023 ގަ އެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ނަޝީދު އެމްޑީޕީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ