ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މެއި 23) - އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް މިޑްފީލްޑަރު، ސްޕެއިނުގެ އަންދްރެސް އިނިއެސްޓާ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ މަހުޖަނުންނަށް ނިސްބަތްވާ ގަލްފް ޔުނައިޓެޑް އެފްސީން ކޯޗިން ކެރިއަރު ފަށަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އަހަރެއް ކުރިން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރި އިނިއެސްޓާ ވަނީ ކޯޗިން އަށް ޝައުގުވެރިކަން ހުރި ކަމަށް މީގެ ކުރިން ވެސް ބުނެފަ އެވެ. އެ ގޮތުން، އެެކި އިންޓަވިއުތަކުގައި އިނިއެސްޓާ ވަނީ ކޯޗިން ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން ބާސެލޯނާގައި މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެއް ކަމަށް ބުނެފަ އެވެ.
މިދިޔަ އަހަރުން ފެށިގެން ކޯޗިން ލައިސަންސް ހާސިލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިނިއެސްޓާ ބުނީ، ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހު ކޯޗިން އަށް ނުކުންނާނެ ކަމަށެވެ.
"ވިސްނުމަކީ ވީ އެންމެ އަވަހަށް ކޯޗިން އަށް ނުކުތުން. އަހަންނަށް މި ވަގުތު ނުލިބި އޮތީ ޕްރޯ ލައިސަންސް. އެ އަހަރެން ފުރިހަމަ ކުރުމުގެ ކަންކަން ކުރިއަށްގެންދަނީ އޭޝިއާ އިން،" ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މި އަހަރުގެ ކުރީކޮޅު، އިނިއެސްޓާ ބުންޏެވެ.
"ކޯޗެއްގެ ވިސްނުމުގައި ފުޓްބޯޅަ ބަލަން ޖެހޭނީ ވަރަށް ތަފާތު ގޮތަކަށް. ތަފާތު ވިސްނުމެއްގައި، ތަފާތު ނަޒަރިއްޔާތަކުން، ޝައުގުވެރިވާ ސިއްރު އުކުޅުތަކާއި ވިސްނުންތައް ބޭނުންކޮށްގެން ކުރާ މަސައްކަތުގައި ފުޓްބޯޅަ ވަރަށް ބަދަލުވަމުން އަންނަނީ،"
އިނިއެސްޓާ ބުނީ، ކޯޗެއްގެ ގޮތުގައި ދެން އެންމެ މުހިންމު ކަމަކީ ތަފާތު އެކި ވިސްނުމުގެ އެކި ލެވަލްގެ ކުޅުންތެރިންނާ އެކު މަސައްކަތްކޮށް، އެއް މިސްރާބެއްގައި ޓީމު ކާމިޔާބުގެ މަގުން ގެންދެވޭނެ ގޮތަށް ކަންކަން އަތުރައިގެން ކުރިއަށް ދިއުން ކަމަށެވެ.
އިނިއެސްޓާ، ރިޓަޔާކުރީ، ބާސެލޯނާގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރު ފުރަތަމަ ސީޒަން ކުޅުނު ފަހުން، ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 23 ސީޒަން ހޭދަކުރުމަށް ފަހު އެވެ.
ބާސެލޯނާގެ ސީނިއާ ޓީމަށް 16 އަހަރު ކުޅެދިން އިނިއެސްޓާ އަކީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެކެވެ. ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ ބާސެލޯނާގައި ހުރެ އެވެ. ބާސެލޯނާ ދޫކޮށް އިނިއެސްޓާ، 2018 ވަނަ އަހަރު ބަދަލުވީ، ޖަޕާނުގެ ޖޭ ލީގުގެ ކްލަބް، ވިސެލް ކޯބޭ އަށެވެ. ފަސް އަހަރު އެ ޓީމަށް ކުޅުމަށް ފަހު، 2023 ވަނަ އަަހަރު ގުޅުނީ އެމިރޭޓްސް ކްލަބްއާ އެވެ. ރިޓަޔާކުރީ، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
ބާސެލޯނާގައި ޖުމްލަ އެކު، 22 އަހަރު ހޭދަކުރި އިނިއެސްޓާ ވަނީ އެ ޓީމަށް 29 ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި ނުވަ ސްޕެނިޝް ލީގު ހިމެނެ އެވެ.
ސްޕެއިނުން 2010 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ގޯލު ޖެހި އިނިއެސްޓާ ވަނީ ސްޕެއިން ޓީމާ އެކު، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ސްޕެއިން ޓީމަށް ކުޅެން ފެށި، އިނިއެސްޓާ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން ކެޓުމުންނެވެ. ގައުމީ ޓީމަށް، 131 މެޗު ކުޅެދިން އިނިއެސްޓާ އަކީ ސްޕެއިނަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އިނިއެސްޓާ އަށް ވުރެން ގިނަ މެޗު ސްޕެއިނަށް ކުޅެދިނީ، އިކާ ކަސިއަސް، ސާޖިއޯ ރާމޯސް އަދި ޒަވީ ހެނާންޑޭޒް އެވެ.
އިނިއެސްޓާ ކޯޗިން ކެރިއަރު ފަށާނީ ޔޫއޭއީ އިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ