އޭއައި ބަޓަނާއެކު ނޮކިއާގެ އައު 4ޖީ ފޯނުތައް ބާޒާރަށް ނެރެފި
ނޮކިއާ އިން އެ ކުންފުނީގެ އެންމެ ފަހުގެ 4ޖީ ފީޗާ ފޯނުތައް އޭއައި އެސިސްޓެންޓް ބަޓަނަކާއެކު ބާޒާރަށް ނެރެފިއެވެ. ދުނިޔޭގެ ބާޒާރަށް ޚާއްސަކޮށްގެން ނޮކިއާ ބްރޭންޑުގެ ފަހުގެ ފޯނުތަކެއް ދައްކާލާފައި ވާއިރު، މީގެ ތެރޭގައި ހިމެނެނީ ނޮކިއާ 235 4ޖީ (2026)، ނޮކިއާ 215 4ޖީ (2026)، ނޮކިއާ 210 4ޖީ އަދި ނޮކިއާ 200 4ޖީ އެވެ. މި ހުރިހާ ފޯނަކީ ވެސް އެސް30+ އޮޕަރޭޓިން ސިސްޓަމްގައި ހިނގާ، އަދި 4ޖީ ކަނެކްޓިވިޓީ ސަޕޯޓްކުރާ ފޯނުތަކެކެވެ. މި ފަހަރު ނެރުނު ފޯނުތަކުގެ އެންމެ ޚާއްޞަ އެއް ފީޗާ އަކީ އަޑުން ކޮމާންޑް ދީގެން ފޯނުގެ ތަފާތު ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ޚާއްޞަ އޭއައި އެސިސްޓެންޓް ބަޓަނެވެ. މި ބަޓަނުގެ އެހީގައި ފޯނުގެ ފްލޭޝްލައިޓް ދިއްލުމާއި، ރިމައިންޑަރާއި އެލާމް ސެޓްކުރުމުގެ އިތުރުން ކޮންޓެކްޓް ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފަސޭހަކަމާއެކު ގުޅާލެވޭނެއެވެ. މީގެ އިތުރުން ހުރިހާ މޮޑެލްއެއްގައިވެސް 1,450ގެ ބެޓެރިއަކާއި، 32 ޖީބީއާ ހަމައަށް އިތުރުކުރެވޭ މެމޮރީ ކާޑު ސްލޮޓެއްގެ އިތުރުން ވަޔާޑް އަދި ވަޔާލެސްކޮށް އަޑުއެހޭ އެފްއެމް ރޭޑިއޯ ހިމެނެއެވެ. ނޮކިއާ 235 4ޖީ (2026) އަދި ނޮކިއާ 215 4ޖީ (2026) ގައި ހިމެނެނީ 2.8 އިންޗީގެ އައިޕީއެސް ކިއުވީޖީއޭ ޑިސްޕްލޭއެކެވެ. މީގެ ތެރެއިން ނޮކިއާ 235 މޮޑެލްގައި އެލްއީޑީ ފްލޭޝްއަކާއެކު 2 މެގަޕިކްސެލްގެ ފަހަތް ކެމެރާއެއް އިންނައިރު، ސެލްފީ ނެގުމަށް ވީޖީއޭ ކުރީ ކެމެރާއެއް ހުރެއެވެ. މި ދެ ފޯނުގައިވެސް 64 އެމްބީގެ ރޭމް އަދި 128 އެމްބީގެ އިންޓާނަލް ސްޓޯރޭޖް ހިމެނޭއިރު، ޔޫއެސްބީ ޓައިޕް-ސީ ޕޯޓުން ޗާޖުކުރެވޭ މި ބެޓެރިން 10 ގަޑިއިރަށްވުރެ ގިނައިރު ވާހަކަދެއްކުމުގެ ފުރުޞަތު ލިބޭނެއެވެ. ނޮކިއާ 210 4ޖީ އަދި ނޮކިއާ 200 4ޖީ މޮޑެލްތަކަށް ބަލާއިރު، މި ފޯނުތަކުގައި ހުންނަނީ ތަންކޮޅެއް ކުޑަ 2.4 އިންޗީގެ ކިއުވީޖީއޭ ޑިސްޕްލޭއެކެވެ. ނޮކިއާ 210 ގައި ފަހަތް ކެމެރާއަކާއި ކުރީ ކެމެރާއެއް ހިމެނޭއިރު، ނޮކިއާ 200 ގައި ހިމެނެނީ ހަމައެކަނި ވީޖީއޭ ކުރީ ކެމެރާއެކެވެ. މި ދެ ފޯނުގެ ބެޓެރިން 9 ގަޑިއިރުގެ ޓޯކް-ޓައިމް ލިބޭއިރު، ބްލޫޓޫތު 5.0 އާއި 3.5 އެމްއެމް ހެޑްފޯން ޖެކް ފަދަ އަސާސީ ކަނެކްޓިވިޓީ ފީޗާތައް ހިމެނެއެވެ. މި ފޯނުތައް މިހާރު ކުންފުނީގެ ރަސްމީ ވެބްސައިޓުގައި ލިސްޓުކޮށްފައިވީ ނަމަވެސް، މި މޮޑެލްތައް ބާޒާރުގައި ވިއްކަން ފަށާނެ އަގުތަކާއި، ލިބެން ހުންނާނެ ވަކި ތާރީޚުތަކެއް އެކުންފުނިން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ