ކުޅިވަރުގައި އިސްލާމީ އުސޫލުތަކަށް ތަބާވުން
އިސްލާމްދީނަކީ ހަމައެކަނި މިސްކިތުގެ ހަތަރު ފާރުގެ ތެރެއަށް ހަނި ކުރެވިފައިވާ ދީނެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ އަޅުކަމާއި މަސައްކަތާއި ދަތުރުފަތުރާއި އަދި މުނިފޫހިފިލުވުމުގެ ކަންކަން ވެސް ތަންޒީމުކޮށްދޭ ދިރިއުޅުމުގެ ޝާމިލު ނިޒާމެކެވެ. މިއަދު އަޅުގަނޑުމެންގެ ޒުވާނުންގެ ގިނަބަޔަކު ކުޅިވަރަށް ލޯބިކުރާއިރު، އެއީ ދީނީ ގޮތުން ވެސް ހިތްވަރުދޭ ކަމެކެވެ. އެހެނީ އިސްލާމްދީނުގައި ޖިސްމާނީ ބާރާއި ޞިއްޙަތާއި ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. މިކަމަށް އިޝާރާތް ކުރައްވައި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. "ބަލިކަށި މުއުމިނާއަށްވުރެ، ބާރުގަދަ މުއުމިނާ، ﷲ ގެ ޙަޟުރަތުގައި ހެޔޮވެފައި ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި އެ ދެ މީހުންގެ ކިބައިގައި ވެސް ހެޔޮކަންވެއެވެ" (މުސްލިމް، 2664). މި ޙަދީޘްފުޅުގައިވާ "ބާރުގަދަ މުއުމިނާ" ގެ މުރާދަކީ، ދީނީ އަދި ދުނިޔެވީ ގޮތުން މަންފާކުރާނެ ހުރިހާ ބާވަތެއްގެ ޖިސްމާނީ އަދި ރޫޙާނީ ބާރުތައް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ކުޅިވަރުގެ ސަބަބުން ޞިއްޙަތާއި އަޚްލާގަށް ހެޔޮ އަސަރުތަކެއް ކުރި ނަމަވެސް މި ފައިދާތައް ފުރިހަމައަށް ލިބޭނީ ޝަރީޢަތުގެ ޙުދޫދުތަކުގެ ތެރޭގައި، އަދަބުވެރިކަމާއި ޢިއްފަތްތެރިކަމާ އެކު ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދާނަމައެވެ. އެގޮތުން، ކުޅިވަރުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއްކަމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢައުރަ ނިވައިކުރުމެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް ނިވައިކުރުން ވާޖިބުވާއިރު، ފިރިހެނުން ފޫޅާއި ކަކުލާ ދެމެދު ނިވައިކުރާންޖެހެއެވެ. މިއީ ޝަރުޢީ ގޮތުން ފިރިހެނުން ނިވައި ކުރާން ޖެހޭ މިންވަރުކަމަށްވިޔަސް، ގަޔަށް އެއްޗެއް ނުލައި ހަމައެކަނި ސޯޓުބުރިއެއްގައި މީހުންގެ ތެރޭގައި އުޅުމަކީ މުޖުތަމަޢުގެ އަދަބުތަކާ އެކަށީގެންވާ ކަމެއް ނޫނެވެ. ވުމާއެކު، ކުޅިވަރުގެ މައިދާނުގައި ވެސް މި މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުން މުހިންމެވެ. ދެވަނަ ކަމަކީ ވަގުތަށް ފަރުވާތެރިވުމެވެ. މެޗުތަކާއި ފަރިތަކުރުންތަކަށް ގަޑިއަށް ސަމާލުވާ ފަދައިން، ނަމާދުތައް އޭގެ ވަގުތުގައި އަދާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ނަމާދު ވަގުތެއް ގެއްލޭ ގޮތަށް އެއްވެސް ކުޅިވަރެއް ރާވައިގެން ނުވާނެއެވެ. ކައިރީގައި މިސްކިތެއް ނެތް ނަމަ، ކުޅޭ ސަރަޙައްދުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ވަގުތު ޖެހުމުން ކުޅުންތެރިންނާއި އޮފިޝަލުން ވެސް ނަމާދަށް އިސްކަންދޭންޖެހެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ (އައްނިސާ، 103). "ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ". ކުޅިވަރުގެ ޙަރަކާތެއްގައި ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް، ދީނުގެ ވާޖިބުތައް އަދާ ކުރުން ދޫކޮށްލައިގެން ނުވާނެއެވެ. މި ފަދަ ޙާލަތުގައި، ނަމާދު ޤަޞްރު ޖަމްޢު ކުރުމުގެ ލުއިފަސޭހަކަން ވެސް ބޭނުން ކުރެވޭނެއެވެ. ވީމާ، މި ކަމާ ބެހޭ ފިޤުހު ދަސްކުރުމަކީ މުހިންމު ކަމެކެވެ. އިސްރާފުކުރުމަކީ ކުޅިވަރުގައި ފާހަގަކުރެވޭ ނޭދެވޭ ޢަމަލެކެވެ. ކޮންމެ މުބާރާތަކަށް ވަކި ޖޯޒީއެއް ހޯދުމާއި ކެއިންބުއިމުގެ ކަންކަމުގައި ބޮޑެތި ޚަރަދުތައްކޮށް ވާދަޖެހުމަކީ ބައެއްފަހަރު މަދަރުސާތަކުން ފެންނަ މަންޒަރެކެވެ. މިއީ އިސްލާމީ މެދުމިނުގެ އުޞޫލާ ޚިލާފު ކަމެކެވެ. މާތްﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ" (އަލްއަޢުރާފު، 31). މީގެއިތުރުން، ކުޅިވަރުގެ ރޫޙަކީ އަޚްލާގެވެ. ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކުރުމާއި ހުތުރު ބަހުރުވައިން ވާހަކަދެއްކުމާއި އަރައިރުންވުން ފަދަ ކަންކަމުން ދުރުހެލިވާންޖެހެއެވެ. ކާމިޔާބީގައި ޝުކުރުވެރިވުމާއި ނާކާމިޔާބީގައި ކެތްތެރިކަން އިސްކުރުމަކީ ކުޅިވަރުގެ މައިދާނުން ދަސްކޮށްދޭންޖެހޭ އެންމެ މުހިންމު ސިފައެވެ. ރަނގަޅު މޮޅު ކުޅުންތެރިއަކަށް ވުމާއި ރަނގަޅު މުސްލިމަކަށް ވުމަކީ ވަކި ދެ ކަމެއް ނޫންކަން، އަޅުގަނޑުމެންގެ ދަރީންނަށް ދަސްކޮށްދޭންޖެހެއެވެ. މުސްލިމުންގެ ޢަޤީދާއަށް ނުވަތަ އަޚުލާޤަށް ނޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އެއްވެސް ކަމެއް، މުސްލިމުން ކުޅޭ ކުޅިވަރުގެ ތެރެއަށް ވައްދައިގެން ނުވާނެއެވެ. އަދި އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ޢަމަލެއް ހިމެނޭ އެއްވެސް ކުޅިވަރެއް މުސްލިމުން ކުޅެގެން ނުވާނެއެވެ. ހެޔޮ ގޮތުގައި ކުޅިވަރު ކުޅުމަށް އިސްލާމްދީން ހިތްވަރު ދެއެވެ. ދުޅަހެޔޮކަމާއި ހިތްހަމަ ޖެހުމާއި އުފާވެރިކަން ހޯދުމަށް މި ދީން ބާރު އަޅައެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިކަނބަލުން، ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއެކު، ދުވެވަޑައިގެން ރޭސް ޖެއްސެވިއެވެ (އަބޫދާއޫދު، 2578). ދުނި ދަނޑީގެ ހެވި ކަމާއި، އަސް ގެންގުޅެ ތަރުބިޔަތު ކުރުމާއި އަދި ފަތަން ދަސްކުރުމަކީ އެދެވިގެން ވާ، ފައިދާ ކުރަނިވި ކަންތައްތައް ކަމުގައި ރަސޫލާ ﷺ ބަޔާން ކޮށްދެއްވިއެވެ (އައްނަސާއީ، 8940). ކުޅިވަރުގެ ޙަރަކާތްތަކަށް އިތުރު އެކަލޭގެފާނު ހިތްވަރު ދެއްވައި، ޢަމަލީ ގޮތުން ބައެއް ކުޅިވަރު ކުޅުއްވި ނަމަވެސް، އޭގެ ސަބަބުން އީމާން ކަމަށް ނުވަތަ ލަދުވެތި ކަމަށް އެއްވެސް ބުރުލެއް އެރުމަކަށް އެކަލޭގެފާނު ޖާގައެއް ނުދެއްވައެވެ. ވީމާ، މި ބަޔާންކުރި ކަންކަމަށް އަޅުގަނޑުމެން ފަރުވާތެރި ނުވެއްޖެ ނަމަ، ދީނަކީ ހަމައެކަނި މިސްކިތުގައި އޮންނަ އެއްޗެއް ކަމަށް ދެކޭ ޖީލެއް އުފެދުމުގެ ބިރު އެބައޮތެވެ. ނަމަވެސް، ކުޅިވަރުގެ ތެރެއިން އިސްލާމީ އުޞޫލުތަކާއި އަގުތައް ހިފަހައްޓައިފި ނަމަ - ﷲ ގެ ރަޙުމަތާއެކު - ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި އީމާންކަމުގައި ސާބިތު ނަމޫނާ ޖީލެއް އުފެއްދިދާނެއެވެ. އެއީ ޤައުމަށާއި އިސްލާމީ އުންމަތަށް ވެސް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ