މަންފާ ޖަމްޢިއްޔާއިން ކުޅިވަރު އެކަޑަމީއެއް އިފްތިތާޙުކޮށްފި

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި މުޖުތަމަގެޢު ލާބައަށް މަސައްކަތްކުރާ "މަންފާ" ޖަމްޢިއްޔާއިން ކުޅިވަރަށް ޚާއްސަ "މަންފާ އެކަޑަމީ" އިފްތިތާޙުކޮށްފިއެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެކަޑަމީ އިފްތިތާޙުކޮށްދެއްވީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޓެކްނިކަނަލް ޑިރެކްޓަރ އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ޢަލީ ސުޒައިންއެވެ. މި އެކަޑަމީގެ ޗެއަރމަނެއްގެ ގޮތުގައި ހުންނަވާނީ، މަންފާ ޖަމްޢިއްޔާގެ ފައުންޑަރ ޢަލީ ރަމީޒެވެ. އަދި ރައީސެއްގެ ގޮތުގައި ހުންނަވާނީ، ވޮލީގެ ތަޖުރިބާކާރު ކޯޗް މުޙައްމަދު ސާޖިދްއެވެ. ނައިބުންގެ ގޮތުގައި ތިއްބަވާނީ، ތަޖުރިބާކާރު ފުޓުބޯޅަ ކޯޗް ޢަލީ ނިސްތާރު މުޙައްމަދާއި މުޙައްމަދު ތައުފީޤުގެ އިތުރުން، ސްޕެޝަލް އޮލިމްޕިކްސް ކޯޗް އިބްރާހީމް ރަމީޒެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަޑަމީގެ ޗެއާރމަން ޢަލީ ރަމީޒް ވިދާޅުވީ، މަންފާ އެކަޑަމީ ވާނީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ނަމޫނާ އަދި އިސްލާމީ ދައުވަތު އެ ދާއިރާއަށް ފޯރުކޮށްދިނުމުގައި މުހިންމު ބައިވެރިއަކަށް ކަމަށެވެ.
"މަންފާ އެކަޑަމީ އިފްތިތާޙުކުރެވިގެންދިޔައިރު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކަޑަމީގެ މަސައްކަތުގައި އިސްކޮށް ވަރަށް ޤާބީލް, އެހާމެ މުރާލި އަދި ދިވެހި ކުޅިވަރުގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅުންތަކެއް ތިއްބެވުން. މި މަސައްކަތުގައި އެ ބޭފުޅުންގެ ބައިވެރިވުމާއި އިސްނެގުން ފާހަގަކޮށް އަޅުގަނޑުގެ ފަރާތުން އިޚްލާސްތެރި ޝުކުރެއް އެންމެ ބޭފުޅުންނަށް އަރިސްކުރަން," އަލީ ރަމީޒު ވިދާޅުވިއެވެ.
މީގެއިތުރުން، ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމަށާއި ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި، "ބަންގި" ނަމުގައި ޚާއްސަ މޯބައިލް އެޕްލިކޭޝަނެއްވެސް އެ ރަސްމިއްޔާތުގައި އިފްތިތާޙުކޮށްފައިވެއެވެ. މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފީޗާއަކީ، ނަމާދު ވަގުތު ޖެހުމުން ފޯނަށް ނޮޓިފިކޭޝަން ނުވަތަ މެސެޖެއް ފޮނުވައިދިނުމެވެ. މީގެއިތުރުން، ނަމާދުގައި ކިޔާ އެކި ޒިކުރުތަކާއި ދުޢާތައް މި އެޕްގައި ހިމަނާފައިވާއިރު، އެ ތަކެތީގެ މާނަ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ކިޔާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ހަމައެއާއެކު، ދަތުރުވެރިންނަށާއި ރާއްޖޭން ބޭރުގައި އުޅޭ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެގޮތުން، އެމީހަކު ހުރި ޤައުމެއްގެ ނަމާދު ވަގުތުތައް ބަލާލުމުގެ އިންތިޒާމާއި ޤިބްލަ ދެނެގަނެވޭނެ ގޮތްވެސް މި އެޕްލިކޭޝަންގައި ވަނީ ހިމަނާފައެވެ. އަދި، އެއް ނަމާދުން އަނެއް ނަމާދަށް ބާކީ އޮތް ވަގުތުވެސް މި އެޕް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެއެވެ.
މަންފާ ޖަމްޢިއްޔާއިން ބުނީ، މަންފާ އެކަޑަމީން ތަމްރީނުވާނީ ނަމާދަށް ފަރުވާތެރި، ދީނީ ކަންކަމަށް ބޯލަނބާ ޖީލެއްކަމަށާއި އަދި "ބަންގި" އެޕްލިކޭޝަންގެ ސަބަބުން ދިވެހި މުޖުތަމަޢަށް ދީނީ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ