ރާއްޖެއިން ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކް އެއްފަހަރާ އަނބުރާ ދެއްކުމުން ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފި އެވެ.
ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުން މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 12.4 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 11.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.6 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސްއަށް ބަލާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 1.8 ބިލިއަން ރުފިޔާގެ ސާޕްލަސްއާ އަޅާބަލާއިރު، މިއަހަރު ވަނީ 2.3 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ވަނީ، މި މުއްދަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކާއި، އޭގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ހަލާސްކުރުމެވެ. މި ފައިސާ ދައްކާފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި، ބޭރު ފައިސާގެ ރިޒާވް ބޭނުންކޮށްގެންނެވެ.
އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، ދައުލަތުން ދަރަނި އަނބުރާ ދެއްކި މިންވަރު ވަނީ އިތުރުވެފައެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ލޯނު އަނބުރާ ދެއްކި މިންވަރު 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. މިއީ 254.5 އިންސައްތައިގެ އިތުރުވުމެކެވެ. ހަމައެއާއެކު، އިންޓްރެސްޓަށް ހޭދަވި މިންވަރު ވަނީ 1.51 ބިލިއަން ރުފިޔާއިން 1.08 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 28.5 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ އާމްދަނީގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއެވެ. ފާއިތުވި ހަފްތާގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 20.2 އިންސައްތައިގެ އިތުރުވުމެކެވެ.
ސުކޫކް ދެއްކުމާއެކު ދައުލަތުގެ މާލީ ހާލަތު ވަރުގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ